ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ 2022 ވަނަ އަހަރު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ހޫނު މަރުޙަބާއެއް ދެންނެވުމަށްޓަކައި ޢިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން ސަރަޙައްދުގައި އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަކީ ބައިނަލްއަޤުވާމީ މައިދާނުގައްޔާއި، ޚާއްޞަކޮށް މުސްލިމް އުއްމަތުގެ މަޞްލަޙަތުތަކާއި ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރެއްވުމުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ލީޑަރެކެވެ.

