މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ހުރި މިންވަރަށްވުރެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު ދަށަށް ގޮސްފައިވާ ކަމަށާއި، މިއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވިޔަސް، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު ދަށްވެފައިވާ ކަމަށެވެ.
”މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރުގަ، މި ސަރުކާރު ހަވާލުވީއިރު ހުރި ރޭޓަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވަނީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،“ ސައީދު ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ވިޔަފާރިވެރިންނާއި ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ފައިސާ މާރުކުރުމުގެ އުސޫލުތަކަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ޓޫރިޒަމް ދާއިރާ ނޫން އެހެން ވިޔަފާރިތަކުން މާރުކުރަންޖެހޭ މިންގަނޑު ވަނީ 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ކެޓެގަރީ ’އޭ‘ ގައި ހިމެނޭ ތަންތަނުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، ކެޓެގަރީ ’ބީ‘ ގައި ހިމެނޭ ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ ސޭލްސްގެ 20 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

