ޑިއުޓީ ނިންމާފައި ގެއަށް ދިއުމުގެ ކުރިން ހެދުން ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މޯލްޑިވިއަންސް ނާރސް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.
މޯލްޑިވިއަންސް ނާރސް އެސޯސިއޭޝަނުން، ހެލްތު މިނިސްޓްރީއަށް ޓެގުކޮށްފައި ހޮނިހިރުވިލޭރޭ ކުރި ޓުވީޓުގައި ބުނީ، ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދުވަސްވަރުގައި، ޔުނިފޯމްގައި މަސައްކަތް ކުރާ ހުރިހާ މުއައްސަސާތަކުން ނަރުހުން ޑިއުޓީ ނިންމާފައި ގެއަށް ދިއުމުގެ ކުރިން، ހެދުން ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގޮވާލާކަމަށެވެ.
މި ކަން މި ގޮތަށް ހަމަޖައްސައިދިނުމަށް ގޮވާލާފައި މިވަނީ ނަރުހުންގެ އާއިލާތަކުގެ ސަލާމަތަށްޓަކައިކަމަށް ވެސް، ނާރސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ކޮރޯނާ ވައިރަހުގެ ހާލަތު ނުރައްކާތެރިވެ، މިއަދު މިވަނީ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައެވެ. މި ގޮތުން، ޑޮކްޓަރުންނާއި، ނަރުހުންގެ ޒިންމާ އަދާކުރަމުންދާއިރު، ފްރަންޓްލައިނުގައި މަސައްކަތްކުރާ ބައެއް ޑޮކްޓަރުންނާއި، ނަރުހުންނަށް މި ދަނޑިވަޅުގައި ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވީ ނަމަވެސް، ބައެއް ނަރުހުންނަށް އެފަދަ އިންތިޒާމެއް އަދި ހަމަޖައްސާފައެއް ނުވެއެވެ.

