ރާއްޖޭގެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއިން އެމަޖެންސީކޮށް މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، މުޅި ސިޓީއަށް އެއްކޮށް ލޮކްޑައުންގެ ހާލަތު ގެނައުމަށް ނިންމައިފިއެވެ.
ކޮވިޑާއި ގުޅިގެން އައްޑޫ ސިޓީގައި ވަނީ ޕްރެސްއެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫން އިތުރު އެއްވެސް ގޮތަަށް ބޭރަށް ނިކުތުން ކުރިޔަށް އޮތް 14 ދުވަހަށް މަނާ ވާނެ ކަމަށެވެ.
ސޯބޭ ވިދާޅުވީ، ޒަރޫރީ ބޭނުންތަކުގެ އިންތިޒާމުތައް އެ ކައުންސިލުން ހަމަޖައްސަމުން ދާނެ ކަމަށެވެ. އަދި ބޭރަށް ދިއުމުގެ ވަކި ވަކި ހުއްދަތަކެއް ފާސްތަކެއް ކަނޑައެޅި ދޫކުރާނެ ކަމަށެވެ.
އައްޑޫއިން ޕޮޒިޓިވް ވި މީހާއަކީ އަނަންތަރާ ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށްފަހު ރަށަށް ދިޔަ މީހެކެވެ. އަނަންތަރާ އަކީ ކޮވިޑުގެ ޕޮޒިޓިވް ކޭސްތަކެއް ފެނުނު ރިސޯޓެކެވެ.
އޭނާ އައްޑުއަށް ގޮސްފައިވަނީ މާޗު މަހުގައެވެ. ހާޓް އެޓޭކެއް ޖެހިގެން އީކުއޭޓާ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެ މީހާ މާލެ ގެނައި ރޭ ދަންވަރު އެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ނެތް އެމީހާގެ ސާމްޕަލް ނަގާފައި ވަނީ މިހާރު އޮންނަ އުސޫލުގެ ދަށުންނެވެ. އެއީ އިތުރު އެއްވެސް ބަލިއެއްގައި އައިޖީއެމްއެޗަށް ގެންދެވޭ މީހެއް ޓެސްޓު ކުރާ ގޮތަށް އޮތް އުސޫލެވެ.

