ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ހާލަތު ގޯސްވަމުންދާތީ ވަގުތީ ގޮތުން ސަރުކާރާއި ޙަވާލުކުރި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް މީހަކު އެޑްމިޓް ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކުރެވުނު އެންމެންނަކީވެސް އައިޖީއެމްއެޗަށް ގެންދިއުމުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ މީހުން ކަމަށެވެ.
ނާޒިމް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރަނީ އިތުރަށް ހާލު ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުން ކަމަށާއި، ޓްރީޓޮޕަށް ބަދަލުކުރި ފަސް މީހުންނަކީ ވެސް އެ އެސޫލުން ބަދަލު ކުރި މީހުން ކަމަށެވެ. އަދި ޓްރީ ޓޮޕްގައި ތިބޭ ކޮވިޑް-19 ގެ ބަލީގެ މީހުންގެ ފަރުވާގެ ކަންކަން އިސްވެ ކުރިއަށް ގެންދާނީ އައިޖީއެމްއެޗުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ މީހަކު ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާނީ އައިޖީއެމްއެޗުގައި އުފައްދާފައިވާ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން ކަމަށާއި 10 ބޭފުޅުން ހިމެނިވަޑައިގަންނަވާ އެ ކޮމިޓީގައި ތިއްބަވަނީ ކްރިޓިކަލް ކެއާގެ ފަރުވާ ދެއްވާ ބޭފުޅުންނާއި އެކި ބަލިތަކުގެ ކޮންސަލްޓަންޓުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
”އެ ބޭފުޅުން ދެއްވާ ޑިސިޝަނަށް ރިއާޔަތްކޮށް އަޅުގަނޑުމެން ޝިފްޓް ކުރަންޖެހޭ ހާލަތެއް ކަމަށް ވަނީ ނަމަ ޓީޓީއެޗްގެ ކްލިނިކަލް ފޯކަލް ޕޮއިންޓަކީ ޑރ. އަމްރު. ޑރ. އަމްރަށް އަޅުގަނޑުމެން އަންގަނީ ޕޭޝަންޓް އޮތީ ޓްރާންސްފާ ކުރަން ޖެހިފައޭ“ ނާޒިމް ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިވަގުތު ޚާއްސަ ކޮށްފައި ވަނީ 45 އެނދެވެ. އެއީ 15 އައިސީޔޫ އެނދާއި 30 ޖެނެރަލް ބެޑެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ގެ 180 ބަލި މީހަކަށް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ޑރ. އަމްރު ސަފްވަތު ވިދާޅުވީ، އެ ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރާނެ ކަމަށެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި އެއް ފަހަރާ 45 މީހުންނަށް ފަރުވާ ދެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި 15 އައިސީޔޫ އެނދާއި 15 ޕްރީ އައިސީޔޫ އެނދުގެ އިތުރުން 15 ޕޯސްޓް އައިސީޔޫ އެނދު ހިމެނޭނެ ކަމަށް ޑރ. ސަފްވަތު ވިދާޅުވި އެވެ.

