ޕޮޒިޓިވް މީހާ އާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން 7 ޑޮކްޓަރުންނާއި 10 ނަރުހުންނާއި ބަލި މީހާ ކޮންޓެކްޓުވެފައިވާއިރު، އޭނާ ހޮސްޕިޓަލުގައި އޮތް އިރުއާއި އަދި ފުރުވާލުމަށް ގިނަ ބަޔަކު ޒިޔާރަތް ކުރި ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
އައްޑޫ ސިޓީން ކޮވިޑުގެ ކޭހެއް މިއަދު ފެނިފައިވާއިރު، މުޅި ސިޓީ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއްވެސް ބަލީގެ އަލާމާތެއް ނެތް އެ މީހާ، އައްޑޫ އީކުއޭޓާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އަދި ރޭ ދަންވަރު މާލެ ގެނައި އެމަޖެންސީ ކޮށެވެ.
އުމުރުން 43 އަހަރުގެ އެ މީހާއަކީ ކޮވިޑް ޖެހިފައި ހުރި މީހެއްކަން އެނގުނީ، އައިޖީއެމްއެޗްއަށް ގެނައުމަށްފަހު އޮންނަ އުސޫލުގެ ދަށުން ސާމްޕަލް ނެގުމަށްފަހުއެވެ.
މި ކޭސްއާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ މިއީ ދެކެން ބޭނުންވި ދުވަހެއް ނޫން ކަމަށެވެ. ސަލާމަތީ ގޮތުން ފިޔަވަޅުތަކެއް އަޅާ، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް މަޑު ޖައްސާލި ކަމަށެވެ. އޭގެ ތެރޭގައި ފިހާރަތަކުން ޑެލިވަރީ ކުރާ ގޮތަށް އުސޫލަށް ބަދަލު ގެނައުން ހިމެނޭ ކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.
އައްޑޫގައި ކޮވިޑު ފެތުރިޔަ ނުދިއުމަށް ފިޔަވަޅުތައް އަޅަމުން ދިޔަ ކަމުގައި ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ މި ކޭހާއި ގުޅިގެން 14 ދުވަހަށް އައްޑޫ ލޮކްޑައުން ކުރެވިފައިވާއިރު، އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ވެސް ބޯލަނބަން ޖެހޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން، މަގަށް ނިކުތުން މަނާވާއިރު ހުއްދަ ނުހޯދައި އުޅޭ މީހުންނާއި މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
https://www.facebook.com/adducitycouncil/videos/1118392908530223/?__tn__=%2Cd%2CP-R&eid=ARCcDOjOLj_Lh4AL6ZxnfYrSiLaQIHhzZWPD8k2NiCM06JK4qtL4fFD0hUaxL8b1DyuBGW2fWf2R8cdX
އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުގައި އީކުއޭޓާ ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފުއް ސަދާތު ވިދާޅުވީ ބަލި މީހާ ހޮސްޕީޓަލުގައި އޮތް އިރު ބައެއް މީހުން އޭނާއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ސަދާތު ވިދާޅުވީ، ބަލި މީހާ މާލެ ގެނައި އިރުވެސް އޭނާއާއި އެކު ބައެއް މީހުން އެއާޕޯޓަށް ގޮސްފައިވާ ކަމަށެވެ.
ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިޔަށް ދާއިރު، މިހާތަނަށް 26 އަށް ވުރެ ގިނަ ޑައިރެކްޓު ކޮންޓެކްޓު ހޯދިފައިވާ ކަމުގައި ސަދާތު ވަނީ ވިދާޅުވެފައެވެ. ކޮންޓެކްޓު ވެގެން އެކަހެރި ކުރި މީހުންގެ ތެރޭގައި 7 ޑޮކްޓަރުންނާއި، 7 ނަރުހުން އަދި އާއިލާގެ 7 މީހަކު ހިމެނެއެވެ.
ސަދާތު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންއަށް ފަހު، އައްޑޫގައި ސަވައިލެންސްގެ ދަށުން ސާމްޕަލް ނެގުމަށް މަސައްކަތް ފަށާނެ ކަމަށެވެ. އެ މީހާ އައްޑޫއަށް ދިޔައީ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ކަމުން، އޭނާއަށް ބަލި ޖެހެން މެދުވެރިވީ ސަބަބު އަދި ސާފެއް ނުވެއެވެ.
މިއީ އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އުފެދި ފެނުނު ފުރަތަމަ ކޭސްކަމަށް ވެދާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. އެހެން ކަމުން އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

