ކޯޓުއަމުރެއްގެ ދަށުން ހދ.މަކުނުދޫގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދާދިދެންމެއަކު ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ އިންޓެލިޖެންސާއި، މަކުނުދޫ ޕޮލިސް ސްޓޭޝަނުން ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
އަދި މި އޮޕަރޭޝަންގައި ކޯޓު އަމުރަކާއެކު، އެ ރަށުގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން، އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 06 ވަނަ ދުވަހުކަމަށެވެ.
މި ގޮތުން، އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅެމުން އަންނަ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 15 ކަރުދާސްކޮޅު ފެނިފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ގޮތުން އޭނާގެ ބަންދުގެ މުއްދަތައް، 10 ދުވަސް ދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މަކުނުދޫ ޕޮލިސް ސްޓޭޝަނުން މިހާރު މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ.

