ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބައިތިއްބާ އެނބޫދޫ ވިލެޖް ކަރަންޓީނު ފެސިލިޓީގައި މަސައްކަތްކުރާ ފުލުހެއްގެ ހަތް މަހާއި ދެ އަހަރުގެ ދަރިފުޅުގެ އިތުރުން މުޅި އާއިލާ އެ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
އާއިލާ އާއި އަމިއްލަ ގެއައްވެސް ނުދާތާ ތިންމަސް ވެފައިވާ ފުލުސް މީހާގެ އަންހެނުންނާއި މަންމަ އާއި ބައްޕަ އަދި، ދައްތަ އާއި ދައްތަގެ ހަތް އަހަރުގެ ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މި ހުރިހާ އެންމެން ވެސް މިހާރު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ފުލުސް މީހާ ބުނީ އޭނަ ނޫނީ އެ ގޭގައި، ބޭރަށް ނިކުމެވޭ ހާލަތުގައި ހުރި އިތުރު ފިރިހެނަކު ނޫޅޭ ކަމަށާއި ގޭގެ އެހެން ބަޔަކު ބޭރަށް ނުދާ ކަމަށެވެ.
ގެއިން އެންމެ ފުރަތަމަ ބަލިވީ އޭނާގެ މަންމަ އެވެ. އެއީ ކުރިން ވެސް ހަކުރު ބައްޔާއި ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ މީހެކެވެ. އިތުރު މީހުން ޓެސްޓު ކުރުމަށް ސާމްޕަލް ނެގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.
ފުލުހުންގެ މީހާ އަދި އޭނާގެ އާއިލާގެ މީހުން ޤަބޫލު ކުރާ ގޮތުގައި އާއިލާގެ މީހުން ޕޮޒިޓިވްވީ އެ ގެއަށް ޑެލިވަރީގެ ގޮތުގައި ގެނައި އެއްޗެހީ ސަބަބުންނެވެ.
ފުލުސް މީހާ ބުނި ގޮތުގައި އާއިލާގެ އެންމެން ވެސް މިހާރު ތިބީ އެކި ފެސިލިޓީތަކުގަ ކަމަށާއި އެ އެންމެންނާ ވެސް އޭނާ ފޯނުން ގުޅައި ހާލު ބަލަމުންދާ ކަމަށެވެ. އަދި އޭނާގެ މަންމަގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި ތުއްތު ދަރިފުޅުގެ ހުން ވެސް ގަދަ ކަމަށް އޭނާ ބުންޏެވެ.
ގޭގައި ތިބި ބަލި މީހުންގެ ސާމްޕަލްތައް ނެގުމުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަމަލު ކުރި ގޮތާ މެދު ވެސް ފުލުސް މީހާގެ އާއިލާއިން ހިތްހަމައެއް ނުޖެހެ އެވެ.
އޮންލައިން ނޫސް ”މިހާރު“ އަށް އެ މީހުން ބުނި ގޮތުގައި، ދުވަސްވީ މަންމަ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު ނަމަވެސް، ކުޑަކުދިންނާއި ދެން ތިބި މީހުންގެ ސާމްޕަލް ނަގަން އެޗްޕީއޭން ދިޔައީ، ވަރަށް ގިނައިން ގުޅިފަހުންނެވެ. އަދި ސާމްޕަލް ނަގާފައި ނަތީޖާ ނުލިބެނީސް ބަލީގެ އަލާމާތްތައް ފެންނަން ފެށި ކަމަށް އެ މީހުން ބުންޏެވެ.

