ރަސްމާލެ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވައިފިއެވެ.
ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން އަޑުއުފުއްލަވާފައިވަނީ ޝެއިހް ފަޒްލޫން މުހައްމަދު، ޝެއިހް ޒަމްޒަމް ފާރިޝް އަދި ޑރ. މުހައްމަދު އިޔާޒެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޝެއިހް ފަޒްލޫން ވިދާޅުވީ، މީގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް ނުރައްކާވެ، ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި އީގަލް ހިލްސްއަށް 500 ހެކްޓަރުގެ ބިން ދިނުމުގެ އިތުރުން ދިގު މުއްދަތެއްގެ ތެރޭގައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 500 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން 99 އަހަރަށް ބިން ދޫކޮށް، ޕްރޮޕަޓީގެ ވެރިފަރާތް ބަދަލުވާ ކޮންމެ ފަހަރަކު އާ ވެރިފަރާތަށް އަލުން 99 އަހަރަށް އެތަން ލިބޭ ގޮތަށް އޮތުމަކީ ނިމުމެއް ނެތް ސިލްސިލާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއީ އީގަލް ހިލްސްގެ ވެރިޔާގެ އެކުވެރި ޒަޔަނިސްޓުންނަށް ރާއްޖޭގެ އިމާރާތްތައް ވިއްކައި، އެ ފަރާތްތަކުގެ ޖީލުތަކަށް އެތަންތަން މިލްކުވެ ވަޒަންވެރިވެވޭނެ ގޮތަށް ހިންގާ ކަމެއް ކަމަށް ތުހުމަތުކުރައްވައި، ގައުމުގެ އަމްނާއި އިސްތިގުލާލު ގެއްލުމުގެ ކުރިން މިކަމާ ދެކޮޅަށް ތެދުވުމަށް އޭނާ ގޮވާލެއްވިއެވެ.
ޝެއިހް ޒަމްޒަމް ފާރިޝްވެސް ވަނީ އީގަލް ހިލްސްގެ ވެބްސައިޓުގައިވާ ފަދައިން ރަސްމާލެ އެއްބަސްވުން އޮތް ނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ރަސްމާލެ ބިން ދިވެހީންގެ އަތުން ތާއަބަދަށް ގެއްލިގެން ގޮސް، ވާރުތަވާ ތަރިކައެއްގެ ގޮތުގައި ބޭރު ބައެއްގެ އަތްމައްޗަށް ސަރަހައްދުން އެއްވެސް އެއްޗެއް ދިނުމަކީ 99 އަހަރަށް އެއްބަސްވުމެއް ހެދުމުގެ އެއްވެސް ބޭނުމެއް އަދި މާނައެއް އޮތް ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ޑރ. މުހައްމަދު އިޔާޒް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓެގުކުރައްވައި، އެއްވެސް ކަމެއް ނުފޮރުވާ ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. ދިގު މުއްދަތަކަށް ރާއްޖޭގެ ބައެއް ބޭރު ބަޔަކަށް ކުއްޔަށް ދިނުމަކީ މިނިވަންކަން ގެއްލިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާތީއާއި، އެކަމުގެ ފުރަގަހުގައި އަޑިނޭނގޭ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ، އެކަންކަމުގެ ހަގީގަތް ސާފުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ތުހުމަތުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ’ނޭޝަން ޗެޓް‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، އީގަލް ހިލްސްއާއެކު އެއްބަސްވުން އެކުލަވާލާފައިވަނީ ރާއްޖޭގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބޭރުގެ ފަރާތްތަކަށް ބިން މިލްކުކޮށްދިނުމަކީ ގާނޫނުއަސާސީން މަނާކުރާ ކަމެއް ކަމަށާއި، ސަރުކާރުން ބިން ވިއްކާ ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

