ދަރިވަރުންގެ މުސްތަގުބަލް ބިނާކުރުމަށް މަތީ ސާނަވީ އިމްތިހާނަކީ މުހިންމު މަރުހަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި އަހަރު، މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށާއި މަދަރުސާތަކަށް، ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިލައްވާ ކަމަށެވެ.
”ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައި އަދި ވަކީން ޚާއްޞަކޮށް، މަތީ ތަޢުލީމު އުނގެނޭނެ ދާއިރާއެއް ޚިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު މަރުޙަލާއެއް“ ރައީސް
އެ އިމްތިހާނަށް ތައްޔާރުވުމަށް ކުދީން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެކަމަށާއި މާތްﷲ ގެ ހެޔޮ ރަހްމަތްފުޅާއެކު، އިމްތިހާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަހުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ގައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު 4900 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފަށާފައިވާއިރު މަތީ ސާނަވީ އިމްތިޙާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އިމްތިޙާނު ހަދާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގެ 4 ސެންޓަރެއްގައި އިމްތިޙާނު ހަދާ 3284 ދަރިވަރުންނާއި އަތޮޅުތަކުގެ ރަށްތަކުގެ 49 ސެންޓަރުގައި އިމްތިޙާނު ހަދާ 1689 ދަރިވަރުންނެވެ. އޭލެވެލް އިމްތިޙާނު ކުރިއަށްދާނީ މިމަހުގެ 27އިން އަންނަމަހުގެ 30ގެ ނިޔަލަށެވެ.

