ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަކީ ޢާދައިގެ ކަންކަމެއް ނޫނެވެ. ޤައުމުގެ ބިމާއި އިޤްތިޞާދާ ގުޅިފައިވާ މިފަދަ ބޮޑު މަޝްރޫޢެއް ކުރިއަށްދާއިރު، ދެފުށް ފެންނަ ގޮތެއްގައި މަޢުލޫމާތު ހާމަކުރުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ނަމަވެސް، މި އެއްބަސްވުމާ ގުޅިގެން ފެންމަތިވަމުންދާ ވާހަކަތަކުން ދޭހަވަނީ ރައްޔިތުންނަށް ސިއްރުކުރެވިފައިވާ ގިނަ ކަންތައްތަކެއް ހުރި ކަމެވެ.
އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ މުޅި އެއްބަސްވުން އެއްވެސް އުނިއިތުރެއް ނެތި ޢާންމުކޮށް ޝާއިޢުކުރުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަރުކާރުގެ އެކި ވުޒާރާތަކުންނާއި އިދާރާތަކުން ދައްކާ ވާހަކަތައް ފުށުއަރަމުންދާ މިދަނޑިވަޅުގައި، ދެބަސްވުންތަކަށް ޤާނޫނީ ގޮތުން ނިމުމެއް ގެނެވޭނީ އަސްލު ލިޔެކިޔުންތައް ފެންނަން އޮވެގެންނެވެ. ފޮރުވައިގެން ހިންގާ ކަންކަމާމެދު ރައްޔިތުންގެ ހިތުގައި އުފެދޭ ޝައްކާއި ވަހުމް ފިލުވައިލެވޭނީ ސިއްރު ހިފެހެއްޓުން ދޫކޮށްލައި، ހާމަކަން ބޮޑު ސިޔާސަތެއް އިސްކޮށްގެންނެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޤައުމީ އިސްތިޤްލާލަށާއި ޖީލުތަކުގެ ޙައްޤުތަކަށް އަސަރުކުރާ ފަދަ މާއްދާތައް އެއްބަސްވުމުގައި ހިމެނޭތޯ ދެނެގަތުމަށްޓަކައި، މިނިވަން ޤާނޫނީ އަދި އިޤްތިޞާދީ އޮޑިޓެއް ހަދަންޖެހޭ ކަމެވެ. މިފަދަ މުރާޖަޢާއެއް ކުރިއަށް ގެންދަންވާނީ މިނިވަން މުއައްސަސާތަކާއި، ޤާނޫނީ މާހިރުންގެ އިތުރުން އިޤްތިޞާދީ ތަޖުރިބާކާރުންގެ ޓީމަކުންނެވެ. މިގޮތަށް އެކުލަވާލެވޭ ރިޕޯޓަކުން، ދިވެހިރާއްޖެއަށް ލިބޭ ފައިދާއާއި ގެއްލުން އަދި ކުރިމަތިވެދާނެ ޤާނޫނީ ގޮންޖެހުންތައް ސާފުވެގެންދާނެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ކަމާބެހޭ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކުރެވެންޖެހެއެވެ. އަދި މި ބައްދަލުވުންތައް ވާންވާނީ މީޑިއާތަކަށާއި ޢާންމުންނަށް ހުޅުވާލެވިފައިވާ، ސިއްރު ނުކުރެވޭ ބައްދަލުވުންތަކަކަށެވެ. ވަޒީރުން ސީދާ މަޖިލީހުގައި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވުމަކީ، ދައުލަތުގެ ބާރުތައް ހަމަހަމަކޮށް ހިފެހެއްޓުމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
ހަމައެހެންމެ ސަރުކާރުން އިސްނަގައިގެން ނޫސްވެރިންނާއި ޢާންމު ރައްޔިތުންނަށް ބައިވެރިވެވޭ ފަދަ ޕަބްލިކް ފޯރަމްތަކާއި ސުވާލާއި ޖަވާބުގެ ސެޝަންތައް ބާއްވަންޖެހެއެވެ. ސަރުކާރުގެ ތެދުވެރިކަން ސާބިތުކޮށްދެވޭނީ ރައްޔިތުން ކުރާ ކޮންމެ ސުވާލަކަށް ފަސްޖެހުމެއްނެތި، ތަފްޞީލީ ޖަވާބު ދީގެންނެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭނެއެވެ. މީސްމީޑިއާގައި ހިއްސާކޮށްލާ ލިޔުމަކީ މައްސަލައަށް އޮތް ހައްލެއް ނޫނެވެ.
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރަސްމާލެއިން ހިއްކުމަށް ހަމަޖެހިފައިވާ 1010 ހެކްޓަރުގެ ބޮޑު ސަރަޙައްދުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، މާނައަކީ 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކުރުމަކީ ޤައުމީ ސަލާމަތާއި އިސްތިޤްލާލަށް ހުރި ބޮޑު ނުރައްކަލެކެވެ. މިއީ ދިވެހި ރައްޔިތުންގެ ޖީލުތަކަށް ވާރުތަވާން އޮތް އަގުހުރި ޤުދުރަތީ ވަސީލަތެކެވެ. މިހާ ބޮޑު ބިމެއް ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަމަށް ބުރޫއަރާނެ ކަމެކެވެ.
އީގަލް ހިލްސް އިން ހާމަކުރާ މަޢުލޫމާތުތަކަށް ބަލާއިރު، އެ ސަރަޙައްދުން ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ވާރުތަވެއްޖެ ނަމަ، އަލުން 99 އަހަރުގެ އައު މުއްދަތެއް ފެށިގެންދާނެއެވެ. މީގެ މާނައަކީ މި ބިންތަކުގެ މިލްކުވެރިކަން ނިމުމެއް ނެތި، ޖީލުތަކުން ޖީލުތަކަށް ދެމިގެންދާނެ ކަމެވެ. މިއީ ޢަމަލީ ގޮތުން ބަލާއިރު އެ ބިންތައް ދާއިމީކޮށް ދިވެހިންގެ އަތުން ބީވެގެންދިއުމެވެ. މިކަމުގެ ސަބަބުން ދިވެހި ދައުލަތުގެ ބާރު އެ ބިންތަކުގެ މައްޗަށް ހިނގުން ނެތިގެންދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވަނީ 99 އަހަރު ފަހުން ރަސްމާލޭގެ ބިން ދިވެހި ސަރުކާރަށް ލިބޭނެ ކަމަށާއި، ބިދޭސީންނަށް މިލްކުވާނީ ހަމައެކަނި އިމާރާތް ކަމަށެވެ. އަދި ޕްރޮޕަޓީ ވިއްކާލެވޭނީ ނުވަތަ ވާރުތަވާނީ ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދީގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ޤާނޫނީ ގޮތުން ބަލާއިރު، ބިދޭސީންނަށް އިމާރާތްތަކުގެ ދާއިމީ މިލްކުވެރިކަން އޮތްހާ ހިނދަކު، އެތަންތަން ވިއްކުމާއި ވާރުތަކުރުމުގެ ޙައްޤު އެފަރާތްތަކަށް ލިބިގެންދާނެތީ، ބިން އަނބުރާ ލިބުމުގެ މާނައެއް ނޯންނާނެއެވެ.
އެއްކޮޅުން ބޭރުގެ ކުންފުނިން ދައްކާ ވާހަކަތަކާއި، އަނެއްކޮޅުން ދިވެހި ސަރުކާރުގެ ވަޒީރު ވިދާޅުވާ ބަސްފުޅުތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް އެބަހުއްޓެވެ. މިއިން އެނގެނީ ރައްޔިތުންނަށް ނޭނގޭ އެތައް ކަމެއް ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ ކަމެވެ. އެހެންކަމުން، މި މުޢާމަލާތުގައި އެއްވެސް އަޑިނޭނގޭ، ގޮތްނޭނގޭ ކަމެއް ނެތްނަމަ، އަދި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކުރެވިފައިވާނަމަ، އެއްބަސްވުން އެއްވެސް އުނިއިތުރެއް ނެތި ރައްޔިތުންނަށް ހާމަކޮށް އާންމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ވެރިމީހާއާއި، ވަޒީރު ގަބޫލު ކުރަންވަން ޖެހޭ ހަގީގަތަކީ ރަސްމާލެ މަޝްރޫޢުގެ ދަށުން އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ޤައުމުގެ މުސްތަޤްބަލާ ގުޅިފައިވާ ނުހަނު ނާޒުކު މައްސަލައެއް ކަމެވެ. އެހެންކަމުން، މި މައްސަލައިގައި ދެކެވޭ ފުށުއަރާ ވާހަކަތަކަށް ނިމުމެއް ގެނެސް، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ސާފު ޖަވާބެއް ދިނުމަށްޓަކައި، މި އެއްބަސްވުން އެއްވެސް އުނިއިތުރެއް ނެތި ވަގުތުން ވަގުތަށް ޢާންމުކުރުމަށް ސަރުކާރަށާއި ކަމާބެހޭ މިނިސްޓަރަށް ގޮވާލަމެވެ. އެކްސްގައި ތިޔަ ހިއްސާ ކުރައްވާ ޕޯސްޓިތަކަކީ ރައްޔިތުން ބޭނުންވާ އެއްޗެއް ނޫނެވެ.

