ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަންނަ އަހަރުގެ މޭ މަހަށް އެއްކޮށް ހައްލުވާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކަކށް ފަހު މިނިސްޓަރުންނާއިއެކު ބޭއްވި އަހާ ފޯރަމްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ބިދޭސީން ގަވައިދާ ހިލާފަށް އުޅެމުންދިޔަ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން 1980ގެ އަހަރުތަކުން 2023 ވަނަ އަހަރާއި ހަމައަށް މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާފައިވާ މައްސަލައެއް ނޫންކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަދުގެ ސަރުކާރު ހަވާލުވިއިރު ރެކޯޑް ކުރެވިފައި 295000 ބިދޭސީން ތިބިކަމަށެވެ. އޭގެތެރޭގައި ފިންގަރ ޕްރިންޓްނެގި ކާކުކަން ދެނެގަނެވިފައިވަނީ އެންމެ 22000 މީހުން ނަމަވެސް ވޭދުވެދިޔަ މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތުން 260000 މީހުން ވެރިފައިކޮށްފައިވާކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގައި ބަޔޯމެޓްރިކްސް ނުނެގި ތިބޭނީ އެންމެ 1 އިންސައްތަ މީހުންކަމަށް ވިދާޅުވިއެވެ. މުޅި ދުނިޔެއަށް ބަލާއިރުވެސް އެ ގައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން ބަޔޯމެޓްރިކްސް ދެނެގަނެވިފައިނުވާ ނުވަތަ މައުލޫމާތު ފުރިހަމައަށް ނޭނގޭ މީހުންގެ އަދަދު 1 އިންސައްތައިގެ ތްރެޝްހޯލްޑްގައި ހިފެހެއްޓިފައި އޮތީ އެންމެ 3 ގައުމު ކަމަށާއި އެއީ ދިވެހިރާއްޖެ، ސިންގަޕޫރު، އަދި ޔުނައިޓެޑް އަްރަބް އެމިރޭޓްސް، ޔޫއޭއީ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ބިދޭސީ އާބާދީ ބޮޑެތި ތަންތަނުގައި އޮޕަރޭޝަންތައް ހިންގާނެ ކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، ޓާގެޓަކީ އަންނަ އަހަރުގެ މެއި މަހާއި ހިސާބަށް ދާއިރު މި އޮޕަރޭޝަން އެއްކޮށް ނިންމާލުން ކަމަށެވެ.
”މި އޮޕަރޭޝަން ނިންމާލެވޭއިރުގައި ރާއްޖޭގައި ބިދޭސީންގެ ޕޮޕިއުލޭޝަން ތިބޭނީ ބޭރު ދުނިޔޭގެ އެހެން ކުރިއަރާފައިފާ، މިފަދަ ގޮތަކަށް މިކަން ކުރާ ގައުމުތަކުގައިވެސް ބަލައިގަންނަ މިންގަނޑަކަށް މައްސަލަ ހައްލު ކުރެވިފައި ކަމަށް. އަޅުގަނޑުމެން މި ބަލަނީ %100 އެޗީވް ކުރަން، ރާއްޖޭގައި އެޗީވް ކުރަން ބޭނުންވާ މިންގަނޑަކީ އެއީ“
ފާއިތުވެދިޔަ ދެ އަހަރާއި ބައިގައި ވަރަށް ބުރަ މަސައްކަތެއް އިމިގްރޭޝަނާއި، ފޮރިން ލޭބާ ޑިޕާޓްމެންޓާއި ކައުންސިލްތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިކަން ހާސިލްވެގެން ގޮސްފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އަސަިދ މި މަސައްކަތުގެ ދެވަނަ ފިޔަވަހި ފަށާފައިވާއިރު، މިއީ ގަވާއިދާ ހިލާފަށް ތިބި ބިދޭސީންނާއި، ގަވާއިދާއި އެއްގޮތަށް ތިބި ބިދޭސީން ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

