ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ހާލަތާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ކުލި ދެއްކުމަށް ދަތިވެފައިވާ މީހުންނަށް ސަރުކާރުން އެލަވަންސްއެއް ދިނުމަށް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
އިޖުތިމާއީ ކޮމެޓީގެ ރިޕޯޓުގައި ދެ ކަމެއް ހިމަނަން ޝިޔާމްވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން އެކަމެއްގެ ގޮތުގައި ޝިޔާމް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 7،000 ފްލެޓު ވީހާ ވެސް އަވަހަކަށް އޭގެ ހައްގުވެރިންނާ ހަވާލު ކުރުމެވެ.
ދެވަނަ ކަމަކަށް ޝިޔާމް ހުށަހެޅުއްވީ ކުލި ދެއްކުމަށް ދަތިވެފައިވާ މީހުންނަށް ހާއްސަ އެލަވަންސެއް ދިނުމެވެ. ނަމަވެސް އޭގެން އެއްވެސް އިސްލާހެއް ބަލައެއް ނުގަތެވެ. އެ ދެ ކަންތައް ރިޕޯޓުގައި ހިމެނުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. ނުފެންނަ ކަމަށް 51 މެމްބަރަކު ވޯޓު ދެއްވުމުން އެކަންކަން ހިމަނާކަށް ފާހެއް ނުވިއެވެ.
ޝިޔާމްގެ ދެ ހުށަހެޅުން ބޭރުކޮށްލި ނަމަވެސް އިޖުތިމާޢީ ކޮމިޓީގެ ރިޕޯޓުގައި ސަރުކާރަށް ހުށަހަޅަން ނިންމި ކަންކަންވަނީ ފާސްކޮށްފައެވެ. އެގޮތުން ކޮމިޓީގެ ރިޕޯޓުގައި ސަރުކާރަށް ހަތް ކަމެއް ހުށަހަޅަން ނިންމާފައިވާއިރު، އެ ރިޕޯޓް ފާސްކުރީ ވޯޓުގައި ވައިވެރިވެ ވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލުގެ ބަހުސް މަރުޙަލާގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް ކުލި ދެއްކޭނެ ގޮތް ނެތް މީހުންނަށް ސަރުކާރުން އެލަވަންސެއް ހަމަޖައްސައި ދިނުމަށް ރިޕޯޓުގައި ހިމަނަން ހުށަހަޅުއްވިއެވެ. ނަމަވެސް އެ ހުށަހެޅުމަކަށްވެސް ވޯޓަކަށް ނާހަ އެވެ.
ޝިޔާމްގެ ހުށަހެޅުމާއި ޝަރީފްގެ ހުށަހެޅުން ކޮމިޓީ ރިޕޯޓުގައި ނުހިމެނިޔަސް މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމިޓީން ނިންމާފައި ވަނީ ވެސް ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން ގޮތްތަކެއް ހަމަޖައްސައި ދިނުން ކަމަށެވެ.
ސަރުކާރަށް ހުށަހެޅުމަށް ކޮމެޓީން ފާސްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިގްތިސާދީ ޕެކޭޖް ދިނުމަށް ފަހު، އެ ފަރާތަކުން އަމަލު ކުރަމުންދާ ގޮތް ޖޮބް ސެންޓަރުން ބަލުމާއި ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށާއި މުވައްޒަފުންނާ މެދު އިހާނެތިކޮށް އަމަލުކުރާ ނަމަ، ޕެކޭޖްގެ ވަކި ޕަސެންޓެއް ޖޫރިމަނާ ގޮތުގައި ނެގުމާއި މާލެ އާއި އަތޮޅުތަކުގެ ތަފާތު ކުރުމެއް ނެތި ސްކޫލް ކުދިންނަށް ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމާއި ސްކޫލްތައް ބަންދު ވިޔަސް، ތައުލީމު މެދުނުކެނޑި ގެންދިއުށްޓަކައި އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުން ފަދަ ކަންކަން ހިމެނެއެވެ.

