ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލު މަޖިލީހުން ބަލއިގަނެ އިތުރަށް ދިރާސާކުރުމަށްޓަކައި ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް 57 މެންބަރުން ވޯޓްދެއްވާފައިވެއެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ތިއްބެވީ، 4 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
ސިރާޖު ވިދާޅުވެފައިވާ ގޮތުގައި، މި ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ، ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި، މި ނޫންވެސް އެފަދަ ހާލަތްތަކާއި، ކާރިސާގެ ހާލަތްތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނެތުމުން ކަމަށެވެ.
އަދި އެ ފަދަ ހާލަތެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ، އާންމު އިޖުރާއަތްތައް ހިންގުމަށް ދަތިވާތީ، ކަމާ ގުޅޭގޮތުން އަމަލުކުރާނެ ޚާއްސަ އިޖުރާއަތުތަކެއް ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށްޓަކައި ކަމަށެވެ.
ސިރާޖު ހުށަހެޅުއްވި ބިލުގައި ވާގޮތުން ބިލުގައިވާ ޚާއްސަ އުސޫލުތައް ހިންގުމަށް ކަނޑައެޅިފައިވަނީ،ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުންނާއި، ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވާ ދަނޑިވަޅުތަކުގައެވެ.

