މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމަށް މާބޮޑު އެއްބާރުލުމެއް އާއިލާތަކުގެ ފަރާތުން ނުލިބޭކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.
ކުރިޔަށް މިދާ ދުވަސްތަކުގައި ބޮޑު ސާޖެއް އައިސްދާނެ ކަމަށް ސިއްހީ ދާއިރާގެ މާހިރުން ވަނީ ލަފާކޮށްފައެވެ. އަދި ބަލީގެ އަލާމާތެއް ނެތި ޕޮޒިޓިވްވާ މީހުންގެ އަދަތައް އިތުރުވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ރެންޑަމް ސާމްޕަލް ނެގުން އިތުރުކޮށްފައެވެ.
ސަވައިލެންސްގެ ދަށުން އުމުރުން ދުވަސް މީހުންގެ ސާމްޕަލް ނެގުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ނިންމާފައިވަނީ އެއީ ހައި ރިސްކު ކެޓަގަރީއަކަށް ވެފައި ބަލީގެ އަލާމާތްތަކެއް ނެތި އުމުރުން ދުވަސްވީ މީހުން ވެސް ޕޮޒިޓިވްވެފައިވާތީ އެވެ.
މުޖްތަމައުގެ ތެރޭގައި ބަލިއޮތް މިންވަރު ދެނެގަތުމަށް ސާމްޕަލްތައް ނެގުމަށް ނިންމި ނަމަވެސް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ ޑރ. އަފްޒަލް ވަނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮވިޑު ބަލީގެ އެންމެ ނުރައްކާ ބޮޑީ، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ އެކި އުމުރުތަކުގެ މީހުންނެވެ. އަދި މާބަނޑު މީހުން ހިމެނެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ސާމްޕަލް ނެގުމަށް އެދެވޭ އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށެވެ. މިއީ ކަންބޮޑުވުން އޮތް ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ އެންމެ ރިސްކު ބޮޑު މީހުންގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމަށް އުނދަގޫ ވާނެ ކަމަށެވެ. އަދި އެއްވެސް އަލާމާތެއް ނެތި ބަލި ހުރެ ސީރިއަސް ވެގެންދާއިރު ޓްރޭސް ނުކުރެވި ހިނގައިދާނެ ކަމަށެވެ.
”ބައެއް ބޭފުޅުން ބިރުގަންނަނީ ކަންނޭގެ، ގޭގައިވާ ދުވަސްވީ މީހަކު އެ ސާމްޕަލް ނަގައިގެން ޕޮޒިޓިވްވެއްޖިއްޔާ އެހެން ދިމާއަކަށް ގެންގޮއްސިއްޔާ އޭނާގެ ހާލަތު ވަކިން ދަށްވެދާނެތީ. އަދި އެނޫންވެސް އެހެން ކަންކަމާއި ގުޅިގެން ބައެއް މީހުން އެކަމާ އެބަ އިންކާރުކުރޭ. ހަގީގަތުގައި މި ރެންޑަމްސާމްޕްލިންއަކީ ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން ކުރަން، އެއީ އޭގެން އަޅުގަނޑުމެންނަށް އެނގޭނީ އެންމެ ރިސްކް ބޮޑު އުމުރުފުރާގައި ބަލީގެ ހާލަތު އޮންނަ ގޮތް“ އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ ސާމްޕަލް ނުދެނީ ބިރުގަންނާތީ ކަމަށް ވެދާނެ ކަމަށެވެ. އަދި އެކަން ގަބޫލު ވެސް ކުރެވޭ ކަމަށާއި، ނަމަވެސް މިފަދަ ސީރިއަސް ބައްޔަކާއި މެދު ސަމާލުވުން ވެސް މުހިންމު ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މި ސާމްޕަލްތަކުގެ ތެރެއިން ބަލި ހުރި މީހުންވެސް ހޯދިދާނެ ކަމަށެވެ. އެހެން ކަމުން އާއިލާތަކުން ވެސް މިކަމަށް އެބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

