ރާއްޖައި ތިބި އިންޑިއާގެ މީހުން މަނަވަރުގައި ފުރުވާލިއިރު އޭގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވީ ނަމަވެސް، އެއީ ހިނގާފައިވާ ކަމެއްކަން އެނގިފައި ނެތް ކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑާއި ގުޅިގެން، އެކި ސަރަހައްދުތަކުގައި ތިބި އިންޑިއާގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މިއީ ”ސަމުދުރާ ސެތޫ“ ގެ ނަމުގައި އިންޑިއާއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ހުކުރު ދުވަހު ވެސް ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ އެގައުމަށް ވަނީ ފުރާފައެވެ. އަދި އިންޑިއާގެ މަނަވަރުން އެގައުމުގެ 202 މީހަކު މިހަފްތާގައި ފުރުވާލާފައި ވެއެވެ. އަދި އެމީހުން ފުރުވާލައިފައިވަނީ ”އައި.އެން.އެސް މަގާ“ ނަމަކަށް ކިޔާ އިންޑިއާގެ އަސްކަރީ މަނަވަރެއްގައެވެ.
އެ މީހުން ފުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގަ އެވެ. ބަސްތަކުގައި މީހުން ފެރީ ޓާމިނަލްއަށް ގެނައުމުގެ އިންތިޒާމް ވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ. މަނަވަރުގައި ދާ މީހުން، އިންޑިއާގެ ކޮޗިންގައި 14 ދުވަހަށް ކަރަންޓީނު ކުރާނެއެވެ.
ހުކުރު ދުވަހު ފުރި މަނަވަރުގައި އެނބުރި ގައުމަށް ދިޔަ ދެ މީހަކު ބައްޔަށް ޕޮޒިޓިވްކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އިންޑިއާގެ ނޫސްތަކުން އެ ކޭސްތައް ރިޕޯޓުކޮށްފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.
މިހާތަނަށް އެކަން ރަސްމީކޮށް އަންގާފައި ނުވާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެއީ ހިނގާފައިވާ ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.
އިންޑިއާ މީހުން އެނބުރި ގައުމަށް މީހުން ފޮނުވާލުމުގައި އިސްކަން ދޭ ބައެއް ކަންތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މާބަނޑު މީހުންނާއި، ކުޑަކުދިން އަދި އެކި ބަލިތައް ހުންނަ މީހުން ހިމެނެއެވެ. އަދި އާއިލާގެ މީހެއް ނިޔާވެގެން ގައުމަށް ދާން ބޭނުންވާ މީހުންނަށް ވެސް ހުއްދަތައް ދޫކުރެއެވެ.

