ރާއްޖެއިން ލިބެން ނެތް ”ކްރިޓިކަލް މެޑިސިން“ގެ ގޮތުގައި ހިމެނޭ ބޭހުގެ ބައެއް ބާވަތްތައް ހޯދަން ބޭނުންވާ ފަރާތްތަކަށް، އެބޭސްތައް ހޯދުމުގައި ފޮރިން މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކޮވިޑް-19 ގެ ސަބަބުން މި ސަރަހައްދުގެ ގިނަ ޤައުމުތަކެއް ލޮކްޑައުންގައި އޮތުމުން ކޮންމެހެން ހޯދަން ޖެހޭ ”ކްރިޓިކަލް މެޑިސިން“ ހޯދަން ބޭނުންވާ ފަރާތްތަކުން، އެބޭސްތައް އިންޑިއާ، ތައިލެންޑް އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކަށް ގެންގޮސްދިނުމުން، އެބޭސްތައް ރައްދުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ.
ކުރިއަށް އޮތްތަނުގައިވެސް، މި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ބޭސް ސިޓީތަކާއެކު ގެންގޮސްދިނުމުން، ރާއްޖެ ގެނެސް، ވެރިފަރާތާ ހަވާލުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެގޮތުން މިހާތަނަށް 78 ފަރާތަކަށް ކޮންމެހެން ބޭނުންވާ ބޭސްތައް، ރައްޖެއިން ނުލިބިގެން ރާއްޖެއިން ބޭރުން ގެނެސްދެވިފައިވާނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައި ރާއްޖެއިން ބޭރުން ދިވެހި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ބޭސްތައް ގެނެސް، އެބޭސްތައް ވެރި ފަރާތާއި ހަވާލުކުރުމުގައި، އެބޭހަކީ ރާއްޖެއިން ލިބެން ނުހުންނަ އަދި ޒަރޫރީ ބޭނުމަކަށް ބޭނުންވާ ބޭހަކަށް ވާން ޖެހެއެވެ. އަދި ބޭސް ސިޓީ ނެތް ބޭސްތައް މި އުޞޫލުގެ ދަށުން ގެނެސްދޭ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
ބޭސްތައް ގެންނަން ބޭނުންވާ ފަރާތްތަކުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ހަވާލުކުރާއިއިރު، ޕެކިންގެ ރައްކާތެރިކަން ކަށަވަރުކުރަން ވާނެއެވެ. އަދި އެކަކަށް ފޮނުވާ ބޭސް، އެހެން މީހެއްގެ ބޭހާ އެއްކޮށްފައި ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް ފޮރުން މިނިސްޓްރީން ވަނީ އިލްތިމާސްކުރަމެވެ.
މިމަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި، ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ.

