މިއަހަރަކީ ދިވެހިރާއްޖޭގެ މުޅި ތާރީޚުގައިވެސް އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު ކަމަށާއި، އަދި ވޭތުވެދިޔަ ދެ އަހަރަކީ ތާރީޚީ ގޮތުން އެންމެ ގިނައިން ޒަކާތުގެ ފައިސާ ލިބުނު ދެ އަހަރު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވުނު މުއްދަތެއް ކަމަށެވެ.
އެގޮތުން، މިއަހަރަކީ ތާރީޚީ އަދަދަކަށް ޒަކާތުގެ ފައިސާ ލިބުނު އަހަރުގެ އިތުރުން ފަޤީރުންގެ ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެންމެ ގިނައިން ހޭދަކުރެވުނީވެސް މި ދެ އަހަރު ތެރޭގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.
އަދި ފަޤީރުންނަށް ދެވޭ ސީދާ މާލީ އެހީތެރިކަމުގެ އިތުރުން، އެ ފަރާތްތަކުގެ ތަޢުލީމާއި ޞިއްޙަތަށްވެސް ޒަކާތު ފަންޑުން ގިނަގުނަ ޚަރަދުތަކެއް ކުރެވިފައިވާކަން ޝަހީމް ވިދާޅުވިއެވެ.
”އަދި މިއަހަރަކީ ދިވެހިރާއްޖޭގެ މުޅި ތާރީޚުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު. އެންމެ ގިނައިން ފަޤީރުންގެ ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށް ހޭދަކުރެވުނީ މި 2 އަހަރު. ފަޤީރުންނަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ފަޤީރުންގެ ތައުލީމާއި ޞިއްޙަތަށް ވެސް ހޭދަކުރެވުނު އަހަރު“ ޝަހީމް
ރާއްޖޭގެ ޒަކާތުގެ ނިޒާމާއި ގުޅޭގޮތުން ޝަހީމް ވިދާޅުވީ މިއީ ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް އާރާސްތުކުރެވިފައިވާ، އަދި ޤާނޫނީ ރައްކާތެރިކަން ލިބިފައިވާ ނިޒާމެއް ކަމަށެވެ. އަދި ޒަކާތު ފައިސާ ބަލަހައްޓަމުންދަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަމަށާއި، މި ފައިސާ ހޭދަކުރެވެނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެކުލަވާލައި ޢާއްމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް، ޒަކާތު ކައުންސިލާއި ޝަރީޢާ ކޮމިޓީގެ ލަފާގެ މަތިން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޒަކާތު ފަންޑުން ޚަރަދުކުރެވޭ ގޮތުގެ ތަފްސީލު މަހުން މަހަށް ޢާއްމުކޮށް ހާމަކުރަމުންދާކަންވެސް ވަޒީރު ޝަހީމު ފާހަގަކުރެއްވިއެވެ.
ޝަރީޢާ ހުއްދަކުރާ މަގުން ޒަކާތު ފަންޑު އިތުރުކުރަން ގިނަ މަސައްކަތްތަކެއް ފެށި، ޒަކާތަށް ވަކި ޚާއްޞަ އިދާރާއެއް ޤާއިމުކުރެވިގެން ދިޔުމަކީވެސް މި ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެ، ރައްޔިތުން މި ނިޒާމަށް ދެއްވާ އިތުބާރަށް ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ޤާނޫނެއްގެ ތެރެއިން ރާއްޖޭގެ ޒަކާތުގެ ނިޒާމު ތަރައްޤީކޮށް ހަރުދަނާކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

