ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ބޭރު ފައިސާއަށް، ޚާއްޞަކޮށް އެމެރިކާ ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިޤްތިޞާދެކެވެ. ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ހުރިހާ ތަކެއްޗެއް ބޭރުން އެތެރެކުރަން ޖެހުމުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑް އަބަދުވެސް އޮންނަނީ ވަރަށް މަތީގައެވެ.
މިފަދަ ހާލަތެއްގައި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ބޭންކިންގ ނިޒާމުގެ ތެރެއިން ރަސްމީ ރޭޓުގައި ފޯރުކޮށްދިނުމަކީ ކިންމެހެން ކުރަން ޖެހޭނެ ކަމެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވާފައިވާ ގޮތުގައި، ވޭތުވެދިޔަ 30 މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓުގައި ވަނީ ދޫކޮށްފައެވެ.
”އަހާ“ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޤްތިޞާދު ފުޅާވަމުން އަންނަ ވަރަކަށް އެތެރެކުރާ މުދަލުގެ އަދަދު އިތުރުވެ، ޑޮލަރުގެ މުޢާމަލާތްތައް ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އެގޮތުން، ޓެލެގްރާފިކް ޓްރާންސްފަރ (ޓީޓީ) ހެދުމަށް މަހެއްގެ މައްޗަށް ދޫކުރާ އަދަދު ކުރިން 10 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ މަހަކު 27 މިލިއަން ޑޮލަރަށް އުފުލިފައެވެ. މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ޓީޓީގެ ގޮތުގައި އެކަނިވެސް 213 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އަދި ބޭރުގެ މުޢާމަލާތްތައް ހިންގުމަށް ކާޑުތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 304 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ. މިއިން ދައްކުވައިދެނީ ވޭތުވެދިޔަ ދުވަސްތަކުގައި ޓީޓީ އަދި ޑޮލަރުގެ ޑިމާންޑް %63 އަށް އިތުރުވެފައިވާ މިންވަރެވެ.
އާންމު ވިޔަފާރިތަކުގެ އިތުރުން ރައްޔިތުންގެ އިޖުތިމާޢީ އަދި އަސާސީ ބޭނުންތަކަށް ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. މިގޮތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ބޭނުންވާ ފައިސާއާއި، ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ފަރާތްތަކަށާއި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފުރާ ފަރާތްތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިދީފައެވެ. މީގެ ސަބަބުން ކަޅު ބާޒާރުން އަގުބޮޑުކޮށް ޑޮލަރު ގަންނަން ޖެހުމުގެ ތަކުލީފު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.
ރާއްޖޭގެ ބޭންކިންގ ނިޒާމަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ޤަވާޢިދުތަކަށް ބަދަލު ގެނެސް، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން މާރުކުރަންޖެހޭ ނިސްބަތް %20 އިން %40 އަށް ބޮޑުކުރުން ހިމެނެއެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ ރަސްމީ ބޭންކުތަކުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުވެ، އިޤްތިޞާދީ މުޢާމަލާތްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
ސައީދު ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ 30 މަސްދުވަހުގެ ތެރޭގައި 2 ބިލިއަން ޑޮލަރު ބޭންކު ރޭޓުގައި ދޫކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ބެހެއްޓުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. ޑޮލަރުގެ ޑިމާންޑް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެމްއެމްއޭއާއި ސަރުކާރު ގުޅިގެން އަޅަމުންދާ އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން، ދަރަނި އަދާކުރުމާއެކުވެސް ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އުންމީދު ބޮޑު ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

