ދައުލަތުގެ އަމިއްލަ ބާރު ހިނގާ ސަބްމެރިން ކޭބަލެއް އޮތުމުގެ މުހިންމުކަން ނުވިސްނޭ ބަޔަކު ގައުމުގެ މިނިވަންކަމުގެ ވާހަކަ ނުދެއްކޭނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮކުރުމަށާއި ޑިޖިޓަލް ވިޔަފާރިތައް ކުރިއެރުވުމަށް އެމްޑީޕީގެ ސަރުކާރުން ފެށި ސަބްމެރިން ކޭބަލް މަޝްރޫއު، ފައިސާ ހަމަނުޖެހިގެން ހުއްޓުމަކަށް އައިސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒް ވިދާޅުވީ، އިންޓަނެޓް އިންފްރާސްޓްރަކްޗާ މިނިވަންކުރުމަށާއި ރާއްޖޭގެ ޑިޖިޓަލް ސިޔާދަތު ރައްކާތެރިކުރުމުގެ މައި މަޝްރޫއުގެ ގޮތުގައި ކުރިއަށްގެންދިޔަ ”އޯސީއެމް އައިއޭއެކްސް“ ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކުރިތާ ތިން އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ކޭބަލް އޮޕަރޭޝަނަލް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިނުދީ މަޝްރޫއު ހުއްޓުވާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް ބިލިއަން ޑޮލަރު ހޭދަކުރަމުންދާއިރު، ކުރު މުއްދަތެއްގެ ތެރޭގައި އިގުތިސޯދަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ މިފަދަ މުހިންމު ކޭބަލަކަށް ދޭނެ 20 މިލިއަން ޑޮލަރު ސަރުކާރުގައި ނެތުމުން ފައްޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ތިންވަނަ ފަރާތެއް މެދުވެރިކޮށް ހުރިހާ އިންޓަނެޓް ޓްރެފިކެއް ފޮނުވުމަކީ ބޮޑު ހޭދައެއް ހިނގާ ކަމެއްކަމަށާއި، މި ކޭބަލް ހުއްޓުވާލުމުން ރައްޔިތުންނަށް އިންޓަނެޓުގެ އަގު އިތުރަށް ހެޔޮކޮށްދިނުމަށް އޮތް ދޮރު ބަންދުވެގެންދާނެ ކަމަށެވެ. އަދި މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ވުމަށް ރާއްޖެއަށް ލިބިފައި އޮތް ރަނުގެ ފުރުސަތު މި ސަރުކާރުން ގެއްލުވާލާފައިވާކަމަށާއި، ޑިޖިޓަލް ދުނިޔެއެއްގައި ވާދަކުރުމަށް ދައުލަތުގެ އަމިއްލަ ބާރު ހިނގާ ސަބްމެރިން ކޭބަލެއް އޮތުން ކޮންމެހެން މުހިންމުކަމަށް ވެސް ފައްޔާޒް ފާހަގަކުރެއްވި އެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އިން ހިންގި މި މަޝްރޫއަކީ އިންޑިއާގެ ރިލަޔަންސް ޖިއޯ އިންފޯކޮމްގެ ބައިނަލްއަގުވާމީ ”އައިއޭއެކްސް“ ކޭބަލް ސިސްޓަމާ ގުޅާލުމަށް 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފެށި މަސައްކަތެކެވެ.
2023 ގައި ކޭބަލް އެއްގަންކޮށް، 2024 ވަނަ އަހަރު އޮޕަރޭޝަނަށް ގެނައުމަށް ރޭވި ނަމަވެސް، މިހާތަނަށް އައިއިރު ވެސް އެ ކޭބަލް ބޭނުންކުރަން ފެށިފައެއް ނުވެ އެވެ.
އޮޑިޓް އޮފީހުން މި ހަފުތާގައި އާންމުކުރި އެމްއެފްއެމްސީގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާގޮތުގައި، މި މަޝްރޫއު އެއްކޮށް ހުއްޓުމަކަށް އައިސް ހުރިހާ މަސައްކަތެއް މެދުކަނޑާލަން ޖެހުނީ ބޭނުންވާ ފައިސާ ހަމަނުޖެހި، ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުންނެވެ.

