މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައި، މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިން ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން ތަހުގީގުކޮށް، 4 އޮކްޓޯބަރު 2026 ގައި ދައުވާ ކުރުމަށް ފޮނުވި މައްސަލައެކެވެ.
އޭސީސީން ބުނި ގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބޮޑު އަދަދެއްގެ ފައިސާ ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކެއް މެދުވެރިކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިކޮށް މޮންޓިލިއަން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކޮށްފައެވެ.
އެމްއެޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ކުންފުނިތަކުގެ ތެރޭގައި އެސްއޯއެފާއި އެކު މޮންޓިލިއަން އިންޓަނޭޝަނަލް ހިމެނެ އެވެ. މޮންޓިލިއަން އިންޓަނޭޝަނަލަކީ އަދީބުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލައިގައި މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާއާއި އެ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުންނެވެ.
މީގެއިތުރުން، އެސްއޯއެފްގެ ދެ ޗެކުން މޮންޓިލިއަން އިންޓަނޭޝަނަލްއަށް ޖަމާކޮށްފައިވާ ޖުމްލަ 150,000.00 (އެއްލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ވެސް އޭސީސީން ވަނީ ނިންމާފައެވެ.

