ގާނޫނީ ހަމަތަކާއި އޮނިގަނޑެއް ނެތި ބިމާ ގުޅޭގޮތުން ހަދާ އެއްވެސް އެއްބަސްވުމަކީ ގާނޫނީ ގޮތުން ސައްހަ އެއްޗެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ބޭރުގެ ފަރާތަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓްގެ ގޮތުގައި، އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި ”އީގަލް ހިލްސް“ އިން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން އެމެރިކާ ޑޮލަރުގެ މެގަ ޕްރޮޖެކްޓާއި މެދު ސުވާލު އުފައްދައި ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
”މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ“ ގެ ނަމުގައި ރަސްމާލޭގައި ތަރައްގީކުރާ މި ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހޯމަ ދުވަހު ޔޫއޭއީގެ ދުބާއީގައި އެކަމަށް ހާއްސަކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެއްބަސްވުން ބާތިލުކޮށްދޭން އެދި މި މައްސަލަ އަލީ ހުސެއިންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އަލީ ހުސައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބިމާ ގުޅޭ އެންމެހައި މުއާމަލާތްތައް ހިންގަންވާނީ ގާނޫނުގައިވާ ގޮތުގެ މަތީންކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ގާނޫނެއް ނުވަތަ ގާނޫނީ މެކޭނިޒަމެއް ނެތި، ލިޔެކިޔުމެއް ބަދަލުކޮށް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އެއީ ގާނޫނީ ގޮތުން ބާރު ލިބިގެންވާ އެއްބަސްވުމަކަށް ނުވާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ލިޔެކިޔުންތައް ހާމަނުކޮށް ފޮރުވައިގެން ގެންގުޅޭނަމަ ވެސް އެ އެއްބަސްވުންތަކުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭނެކަމަށް އަލީ ހުސެެއިން ވިދާޅުވި އެވެ.
މީގެއިތުރުން، ޤާނޫނުއަސާސީގައި އެއްވެސް ފަރާތަކަށް 99 އަހަރަށްވުރެ ދިގު މުއްދަތަކަށް ބިން ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ނުދެވޭނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، ޤާނޫނުއަސާސީ އިސްލާހު ނުކޮށް އެއްވެސް ބަޔަކަށް ”ރޯލިންގ ލީޒް“ އެއްގެ ގޮތުގައި ބިން ދޫނުކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އަމަލެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެއްބަސްވުމެއް ހެދުމަށްފަހު، އެ އެއްބަސްވުމެއް ދިފާއުކޮށް ޖަސްޓިފައި ކުރުމަށްޓަކައި ފަހުން ގާނޫނު ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ. އެއީ ވަކި މީހަކަށް ފަހާފައިވާ ކޯޓެއް ފަދައިން ވަކި ފަރާތަކަށް އަމާޒުކޮށްގެން ހަދާ އަމިއްލަ އެދުމުގެ ގާނޫނުތަކެއްކަމަށާއި، ވަކި މީހަކަށް ފައިދާ ހޯދައިދިނުމަށް ނުވަތަ ގެއްލުން ދިނުމަށް ހަދާ އެފަދަ ގާނޫނުތައް ދުސްތޫރީ އަދި އިދާރީ ގާނޫނުގެ އުސޫލުތަކުން ބަލާއިރު ބާތިލުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަދުލުވެރިކަން ނެތް ގާނޫނަކީ ހަގީގަތުގައި ގާނޫނެއް ނޫންކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އަލީ ހުސެއިން ވިދާޅުވީ މިއީ ގާނޫނެއް ނެތިކޮށްފައިވާ، ޤާނޫނުއަސާސީއާ ހިލާފު ބާތިލު އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމަކީ ވަކި ފޯމެޓަކަށް އޮންނަންޖެހޭ އެއްޗެއް ނޫންކަމަށާއި، ދެފަރާތުން ލިޔުމެއްގައި ސޮއިކޮށްފައިވާނަމަ އެއީ ގާނޫނީ ގޮތުން ބުރަދަން ލިބިގެންވާ ލިޔެކިއުމެއްކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި އީގަލް ހިލްސްއިން އެ ތަނުގައި ހުރި ތަންތަން ވިއްކަން އިއުލާނުކޮށް ވެބްސައިޓުގައި ޖަހާފައިވާކަން ފާހަގަކުރައްވަމުން، މި މަހުގެ 7 ވަނަ ދުވަހު އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލަައްބާރު ރާއްޖެ ވަޑައިގަންނަވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގްރިމެންޓެއް ހެދުމަށްފަހު އެ އެގްރިމެންޓުގައިވާ ކަންތައްތައް ޖަސްޓިފައި ކުރުމަށްޓަކައި ގާނޫނެއް ހެދުމަކީ އެ ގާނޫނު އާބިޓްރައި ވާނެ.. އޭރުން އެއީ ވަކި މީހަކަށްޓަކައި ދެއްތޯ.. ވަކި ކަމަކަށް.. ވަކި މީހަކަށްޓަކައި.. އެއީ ވަކި މީހަކަށް ފަހައިދޭ ކޯޓެއް ގޮތަށް އެ ފެންނަނީ ދެއްތޯ؟ ގާނޫނު ހެދުމަކީ އެހެން ކުރާކަމެއް ނޫން.. ގާނޫނު ހެދުމަކީ އެހެން ކުރާކަމެއް ނޫން.. ގާނޫނު ހެދުމަކީ އެންމެންގެ މައްޗަށް ވަކި މީހަކަށް ޓާގެޓްކޮށްފައި، ވަކި މީހަކަށް ފައިދާކުރަން ނުވަތަ ވަކި މީހަކަށް ގެއްލުންދޭން، ވަކި މީހަކަށް ގެއްލުމެއް ދޭން، ވަކި މީހަކަށް ފައިދާކުރުމަށް ގާނޫނު ހެދުމަކީ އެއީ ގާނޫނީ ހަމައެއް ނޫން. އެފަދަ ގާނޫނު ވާނީ ބާތިލު ގާނޫނަކަށް. އެއީ ދުސްތޫރީ ހަމަތަކުން ބެލިޔަސް އަދި އެޑްމިނިސްޓްރޭޓިވް ލޯގެ އުސޫލުތަކުން ބެލިޔަސް.. އެހެންވީމަ ވަކި މީހަކަށް ފަހާ ކޯޓެއް ގޮތަށް އޮންނާނީ..
ރިއަލް އެސްޓޭޓާ ގުޅޭ ގާނޫނުތަކެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ދައުލަތުގެ ބިމާއި މުދަލާ ގުޅޭ މުއާމަލާތްތައް ކުރަންވާނީ ގާނޫނުގައިވާ ގޮތުގެ މަތީންކަމަށް ބަޔާން ކުރާ ކަމަށެވެ.
މީގެއިތުރުން، ޓޫރިޒަމަށް ދޫކުރާ ރަށްރަށާ ހިލާފަށް މި މަޝްރޫއަކީ މީހުން ދިރިއުޅޭ ގޮތަށް ބިން ދޫކުރާ މަޝްރޫއެއްކަމަށް އަލީ ހުސެއިން ވިދަޅުވި އެވެ. އަދި ވިދާޅުވީ ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގައި އެއްވެސް ބިމެއް 99 އަހަރަށްވުރެ ދިގު މުއްދަތަކަށް ނުދެވޭނެކަމަށް އޮތް ނަމަވެސް، އީގަލް ހިލްސްގެ ވެބްސައިޓުގައިވާ ގޮތުން ޕްރޮޕަޓީ ވިއްކާ ކޮންމެ ފަހަރަކު ލީޒް މުއްދަތު އަލުން ”ރިސެޓް“ ވެގެންދާ ކަމަށެވެ. މިއީ އެއްވެސް ނިމުމެއް ނެތި، ހުސްނުވާ ގޮތަށް 99 އަހަރަށް ބިން ދިނުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އަލީ ހުސައިން އިތުރަށް ވިދާޅުވީ، އެއްވެސް އެކުއިޒިޝަން ކޯސްޓަކާ ނުލައި ދޫކުރާ 500 ހެކްޓަރުގެ ބިމަކީ ގާތްގަނޑަކަށް 53 މިލިއަން އަކަފޫޓު ކަމަށެވެ. އަދި ހުޅުމާލޭގެ ބިމުގެ އަގުތަކަށް ބަލައި އަކަފޫޓަކަށް 6،000 ރުފިޔާގެ ރޭޓުން ބެލިނަމަވެސް، އެއީ ގާތްގަނޑަކަށް 21 ބިލިއަން ޑޮލަރުގެ އަގުހުރި ބިމެއްކަމަށާއި، ބިޑުކުރުމެއް އަދި ދެފުށް ފެންނަ ނިޒާމެއް ނެތި ބޭރުގެ ބަޔަކަށް މިފަދަ ބޮޑު މިލްކިއްޔާތެއް ދިނުމުގައި ގާނޫނީ ގޮތުން ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ.

