ވިލިމާލޭގައި ހުންނަ ”މަސްޖިދުއްސަލާމް“ ތަޅާލުމަށްފަހު، އެ ބިމުގައި ޒަމާނީ ފެންވަރަށް ބިނާކުރާ އާ މިސްކިތުގެ ބިންގާ ރަސްމީކޮށް އަޅައިފިއެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމަށްޓަކައި ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ހެޔޮއެދޭ ޖަމިއްޔާއެއް ކަމަށްވާ ފިޔަ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އިމާރާތްކުރާ މި މިސްކިތަކީ އެއްފަހަރާ 1،000 މީހުންނަށް ނަމާދުކުރެވޭނެ ފަދަ ޖާގަ ތަނަވަސް މިސްކިތެކެވެ. މިއީ ވިލިމާލޭގެ އަހުލުވެރިންނަށް ނަމާދުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
މި މިސްކިތުގެ ބިންގާ އަޅައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ޝަހީމްް ވިދާޅުވީ މިއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށްވާނެ ކަމަށާއި މިއީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއްކަމަށެވެ.
ޒަމާނީ ވަސީލަތްތަކާއެކު ދެ ބުރިއަށް އިމާރާތްކުރާ މި މިސްކިތުގައި، ނަމާދުކުރާ ސަރަހައްދުގެ އިތުރުން ދީނީ ތައުލީމު ފޯރުކޮށްދިނުމަށް ހާއްސަ ދެ ކްލާސްރޫމާއި، އިމާމުންގެ މަސައްކަތްތަކަށް ހާއްސަ ކޮޓަރިއެއްވެސް ހިމެނޭނެއެވެ.
ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދީނީ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން މިހާރުވެސް މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން، ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތަކާއި ވަޤުފު އިމާރާތްތައް އެޅުމުގެ 70 އަށްވުރެ ގިނަ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

