ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައިދީން އިސްލާހުކުރުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް: އިހުސާން

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުގައި ތިބޭ ޤައިދީން އިސްލާހުކޮށް، މުޖުތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް އެ މީހުން ހެދުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ ”ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ“ ޕްރޮގްރާމްގެ 3 ވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ޤައުމީ ވާޖިބުތަކެއް ކޮނޑުގައި އެޅިފައިވާ ބައެއް ކަމަށެވެ. އެގޮތުން މީހަކު ކުށްކޮށްގެން ކޯޓު މަރުހަލާއަށްފަހު ޖަލަށް އައުމާއި އަދި ޖަލުން ނިކުމެ އަނބުރާ މުޖުތަމަޢަށް ދިއުމާ ދެމެދު އެ މީހުންނާ ޙަވާލުވެ ތިބެނީ އޮފިސަރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން، ޖަލުގައި ތިބޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދީ، އެ ފަރާތްތައް އިސްލާހުކޮށް މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަކީ ކަރެކްޝަންސްގެ ބޮޑު ޒިންމާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ ޒިންމާ އަދާކުރާނީ އަލަށް ތަމްރީންވެގެން ނިކުންނަ އޮފިސަރުން ކަމަށާއި، އަސްލު ވާޖިބު އަދާކުރުމުގެ މަސްއޫލިއްޔަތު އޮތީ ކުރިއަށް ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ރަސްމީ މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ މި ޤައުމީ ވާޖިބު އަދާކުރުމަށާއި، ވުޒާރާއަށާއި ރައްޔިތުންނަށް އަދި ހެއްދެވި ފަރާތަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަށް އޮފިސަރުން އަޒުމު ކަނޑައަޅަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮންމެ އޮފިސަރެއްގެވެސް އެންމެ އަސާސީ އެއް ސިފައަކީ އަޚްލާޤުކަން ފާހަގަކުރައްވައި، ތަމްރީނުން ދަސްވި ދީނީ ކަންކަމާއި މުޖުތަމަޢުގެ ތެރެއިން ދަސްވާ ރަނގަޅު ހުލްޤު ދެމެހެއްޓުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ އަޚްލާޤުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ނުގުޑާފަދަ އަޒުމެއްގައި އޮންނަ އިންޓެގްރިޓީ ކަމަށެވެ. ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއްގެ އިންޓެގްރިޓީއާ މެދު ޝައްކު އުފެދޭ ހާލަތެއް އަތުވެއްޖެނަމަ އެއީ ޚިދުމަތުގައި އެމީހަކު ފެއިލްވާ ހިސާބު ކަމަށާއި، އިންޓެގްރިޓީ ގެއްލިއްޖެނަމަ ޚިދުމަތުގައި އެ އޮފިސަރަކު ނުބަހައްޓާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އަމިއްލަ ނަފްސަށާއި ދީނަށް ތެދުވެރިވެ، ކޮންމެ މީހަކު ކޮންމެފަދަ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް އިންޓެގްރިޓީ ހިފެހެއްޓުމުގައި ސާބިތުވެ ތިބުމަށް ހުރިހާ އޮފިސަރުންނަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: