ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީގަލް ހިލްސްއިން ހުޅުމާލޭގައި ކުރިއަށް ގެންދާ މަޝްރޫއުގެ ކުރެހުންތައް ދައްކާލައިފި

އީގަލް ހިލްސްއިން ހުޅުމާލޭގައި ހިންގާ ހައުސިން މަޝްޜޫޢުގެ ކުރެހުމެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 500 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާގެ ބިޔަ ހައުސިންގ މަޝްރޫއުގެ ކޮންސެޕްޓް ކުރެހުންތައް ދައްކާލައިފިއެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ތަފްސީލީ ކުރެހުންތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ.

އެގޮތުން ވަޒީރު މުއްތަލިބު ހިއްސާކުރެއްވި ވީޑިއޯގައި ފެނިގެންދާ ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ހުޅުމާލެ ފޭސް 3 ވިޝަން މާސްޓަރޕްލޭންގެ ދަށުން ދުނިޔޭގެ މަޝްހޫރު ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ ’ވާއު އާކިޓެކްޓްސް / ވާނަރ ވޮންގ ޑިޒައިން‘ އިންނެވެ. އެ މާސްޓަރޕްލޭނަކީ އުސް ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓަރފްރަންޓް ޓައުންހޯމްތަކުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި އާންމު ހިދުމަތްތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އޭގެ އިތުރުން، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ބޮޑު ޖަމާއަތުގެ މިސްކިތެއްވެސް އެ ސަރަޙައްދުގައި ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ޖުމްލަ 5,000 ޒަމާނީ ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ނިންމައިފައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، އެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ތަސައްލީއެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކަށް އުފުލިގެންދާނެ އިންގިލާބީ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގެ ކުރީކޮޅުގައެވެ. މަޝްރޫއުގެ ކުރެހުންތައް މިހާރު ދައްކާލާފައިވާއިރު ސަރުކާރުން ބުނާ ގޮތުގައި މިއީ ދިވެހިންނަށް ތަނަވަސް ބޯހިޔާވަހިކަމާއި، ވަޒީފާގެ އައު ފުރުސަތުތަކާއި، ހިތްފަސޭހަ ޒަމާނީ ވެއްޓެއް ލިބޭނެ މަޝްރޫއަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، ’ރަސްމާލެ‘ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 20 ބިލިއަން ޑޮލަރުގެ އަގުހުރި ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން ވަނީ ޔޫއޭއީގެ އީގަލް ހިލްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އާމްދަނީ ލިބޭނެ މައިގަނޑު މަގަކީ ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތައް ވިއްކާލައިގެން ލިބޭ އާމްދަނީގެ 10 ޕަސެންޓު ކަމަށްވާއިރު، ހުޅުމާލޭގައި 5000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ހަރަދު ކަމަށްވާ 500 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ އާމްދަނީން ކެނޑޭނެ ކަމަށް މިނިސްޓަރު މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: