ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމަރެއްގެ އެކައުންޓުން ލައްކައަކަށް ވުރެ ގިނަ ޑޮލަރު ނެގި ބީއޯސީގެ ކުރީގެ ވެރިޔަކު ޖަލަށް!

ބޭންކް އޮފް ސިލޯން މާލޭ ބްރާންޗު/ ފޮޓޯ: ބީއޯއސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ ކަސްޓަމަރެއްގެ އެކައުންޓުން މަކަރާއި ހީލަތުން ދޮޅު ލައްކަ ޑޮލަރު ނެގި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުގެ މައްޗަށް ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް ތައްޔާރުކުރި މައްސަލައިގައި ކުރި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއާއި، ފައިސާ ވަގަށް ނެގުމާ ގުޅިގެން ކުރި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ވެރިވެގަތުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި، އޭނާގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، ސައްހަ ނޫން ލިޔުން އުފެއްދުމުގެ ކުށަށް ހަ މަސްދުވަހުގެ ޖަލު އަދަބެއް އަދި މުދަލަށް ވެރިވެގަތުމުގެ ކުށަށް ދެ އަހަރާއި ނުވަ މަހާއި 11 ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އޭނާ ތަންފީޒު ކުރަންޖެހޭ ޖުމްލަ ޖަލު އަދަބަކީ ގާތްގަނޑަކަށް ތިން އަހަރު ދުވަހެވެ.

މައްސަލައިގައިވާ ގޮތުގައި، ވަގަށް ނެގި ފައިސާ އަނބުރާ ދެއްކުމަށް ހަސަން ވަހީދު ހެޔޮ ނިޔަތުގައި އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތުމުންނާއި، ހުށަހެޅިފައިވާ ހެކިތަކަށް ބަލައި އޭނާގެ ކުށުގެ ދަރަޖަ ވަނީ މަތިކޮށްފައެވެ. ނަމަވެސް، 2019 ވަނަ އަހަރު މި މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު، ފުރަތަމަ އަޑުއެހުން ތާވަލުކުރެވުނީ 2024 ވަނަ އަހަރު ކަމަށްވާތީ، އަވަސް މުއްދަތެއްގައި ޝަރީއަތް ކުރުމުގެ ހައްގު އޭނާއަށް ގެއްލިފައިވާކަމަށް ބަލައި އަދަބުން ދެ ދަރަޖަ ވަނީ ލުއިކޮށްދީފައެވެ.

މި ލުޔާއެކު، އޭނާއަށް ކަނޑައެޅުނު ޖަލު އަދަބުގެ ތެރެއިން ދެ އަހަރު ދުވަހުގެ އަދަބު ވަނީ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.

ކޯޓުގެ ނިންމުމުން އެނގޭ ގޮތުގައި، 2019 ވަނަ އަހަރު ހަސަން ވަހީދު ވަނީ ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން 150،000 އެމެރިކާ ޑޮލަރު ނަގާފައެވެ.

މީގެ އިތުރުން، ޝައްކު އުފެދޭ އެހެން ހާދިސާއެއްގައި ހަމަ އެ ކަސްޓަމަރުގެ އެކައުންޓުން އިތުރު 110،000 ޑޮލަރު ގެއްލިފައިވާ ކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: