ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮޅު އަހަރުގެ ތަހުގީގުގައި ސުވާލެއް ނުކުރޭ، ހާމަވީ ތުހުމަތުތަކުގައި އަސާސެއް ނެތްކަން: އަޒްމިރަލްދާގެ ވަކީލުން

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ގާނޫނީ ވަކީލު އިބްރާހިމް ޝަމީލްއާއި އެކު: ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރިކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހަށް ހުށަހެޅި މައްސަލައިގައި ޖިނާއީ ދައުވާއެއް ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމުން، އެ މައްސަލައަކީ ފެށުނީއްސުރެ ވެސް އެއްވެސް އަސާސެއް އޮވެގެން ކުރި ތުހުމަތެއް ނޫންކަން ސާފުވެފައިވާކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

އަޒްމިރާލްދާގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ތަހުގީގުކުރި މައްސަލައިގައި އެއްވެސް ޖިނާއީ ކުށެއްގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، އެ މައްސަލަ ފައިލްކޮށްފައިވާ އަންގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިއީ ޑރ. އަޒްމިރާލްދާ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމާ ގުޅިގެން، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވިކަމަށް ބުނެ ފެންމަތި ކުރި ތުހުމަތުތަކެކެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭރު ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބް މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް އަޒްމިރާލްދާ ނުފޫޒު ފޯރުވި ކަމަށެވެ. އަދި މަހާޒްގެ މައްޗަށް ވެސް މި މައްސަލައިގައި ތަހުގީގު ހިންގި ނަމަވެސް، އެކަށީގެންވާ ހެކި ނެތިގެން ޕީޖީން ވަނީ ދައުވާ ނުކުރުމަށް ނިންމައި، ފުލުހުން އެ މައްސަލަ ވެސް ފައިލްކޮށްފައެވެ.

މި މައްސަލައިގައި ޑރ. އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ޓީމް ”ޝަމީލް އެންޑް ކޯ އެލްއެލްޕީ“ އިން އާންމު ކުރި ބަޔާނުގައި ވަނީ މިއީ އޭނާގެ މައްޗަށް އެއްވެސް އަސާސެއް ނެތި ކުރި ތުހުމަތުތަކެއްކަން މި ނިންމުމުން ސާފުވެފައިވާކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތުން އެ މަލިޔުން ޑރ. އަޒްމިރާލްދާއަށް ވެސް ވަނީ ފޮނުވާފަ އެވެ.

ފުލުހުން ފޮނުވި މައްސަލަ ނިންމި ގޮތުގެ ހަވާލާދީ ވަކީލުންގެ ބަޔާނުގައި ވަނީ، އެ މައްސަލައަކީ 11 ޖޫން 2023 ގައި ފުލުހުންނަށް ހުށަހެޅި، 07 އޮކްޓޯބަރު 2023 ގައި ނިންމާފައިވާ މައްސަލައެއް ކަމަށެވެ. ފުލުހުންގެ ލިޔުމުގައި ފާހަގަކޮށްފައި ވަނީ، އެ މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާ ދިރާސާކޮށް ބެލިއިރު، އެއްވެސް ޖިނާއީ ކުށެއްގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ދައުވާ ނުކުރުމަށް ނިންމުމާ ގުޅިގެން މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

ވަކީލުން ފާހަގަކުރެއްވި ގޮތުގައި، ޑރ. އަޒްމިރާލްދާގެ މައްޗަށް އެފަދަ ތަހުގީގެއް ހިންގާކަން ކުރިން އަންގާފައި ވެސް ނުވެއެވެ. އަދި ފުލުހުންނަށް ގުޅައިގެން ސާފުކުރުމުން އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގެއްކަން އެނގުނުއިރު، ދޮޅު އަހަރަށްވުރެ ގިނަ ދުވަހު ތަހުގީގު ހިންގިއިރު ޑރ. އަޒްމިރާލްދާއާއި އެންމެ ސުވާލެއްކޮށްފައި ނުވާކަމަށް ބަޔާނުގައިވެއެވެ.

މިއީ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމި ނިންމުމެއް ނޫންކަމަށާއި، ކުށުގެ އަމަލެއް ހިނގާފައިވާކަމަށް ބެލެވެން ނެތުމުން ނިންމި ނިންމުމަކަށް ވާތީ، މިއީ އެއްވެސް އަސާސެއް އޮތް ތުހުމަތެއް ނޫންކަން އިތުރަށް ކަށަވަރުވާކަމަށް ވަކީލުން ބުންޏެވެ.

އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަ އޭސީސީން ފެބްރުއަރީ 2024 ގައި ތަހުގީގު ކުރި އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަން ފެށުމުންނެވެ. އަދި އެ މައްސަލައިގެ އަޑުއެހުން ފަށަން ކުޑަތަންވެފައި ވަނިކޮށް ކުއްލިގޮތަކަށް އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރި އެވެ.

މި މައްސަލައިގެ ތެރެއިން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް، މެއި 2024 ގައި މަޖިލީހުން ވަނީ އަޒްމިރާލްދާ އާއި މަހާޒް މަގާމުން ވަކިކޮށްފައެވެ. އެ ބޭފުޅުންނަށް ޖޭއެސްސީގައްޔާއި މަޖިލީހުގެ ކޮމިޓީގައި ވެސް ދިފާއުވުމުގެ އެކަށީގެންވާ ފުރުސަތެއް ދީފައެއް ނުވެއެވެ.

ޑރ. އަޒްމިރާލްދާ ވަނީ މީގެ ކުރިންވެސް، އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވާފައި ނޯންނާނެކަމަށް ވިދާޅުވެފައެވެ. އަދި ޝަރުއީ ދާއިރާގައި 24 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ އެގޮތުގައިކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: