މާލޭގެ ގެއަކަށް ވަދެ، އެގޭގައި ތިބި އާއިލާގެ މީހުންނަށް ވަޅިން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ ހއ. ހޯރަފުށި، ލިލީޒް، އުމުރުން 44 އަހަރުގެ ޒާހިރު އަލީ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި، ޒާހިރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހެކިންގެ ބަޔާނާއި، ހާދިސާ ހިނގި ސީންއަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނެއެވެ.
އެހެންކަމުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.
ކޯޓުގައި މައްސަލައިގެ އައިއޯ ފާހަގަކުރި ގޮތުގައި، ޒާހިރުގެ އާއިލާގެ މީހުންނަށް ވަޅިން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރުނު މި އަމަލުގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބެލެވެއެވެ. އެގޮތުން، ހާދިސާ ހިނގުމުގެ ކުރިން މިކަން ކުރި މީހުންނާއެކު ޒާހިރު ހަރަކާތްތެރިވިކަމަށާއި، އެ ގެއަށްވެސް ދިޔައީ އޭނާއާއެކުކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރުކުރެވުނީ ވެސް މި އަމަލު ހިންގުމުގައި އަމަލީގޮތުން ބައިވެރިވި މީހަކު ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގައި، އެމީހާއާއިއެކު ހުއްޓާކަމަށް އައިއޯ ފާހަގަކުރިއެވެ.
ނަމަވެސް، ކޯޓުގައި ޒާހިރު ބުނެފައި ވަނީ އޭނާއާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަން ކުރި މީހަކީ ގޭމެއް ކުޅުމުގެ ތެރެއިން ދިމާވި މީހެއްކަމަށާއި، އެ މީހުން އޭނާ ހިފަހައްޓައި ނުދެވޭނެ ގޮތް ހެދުމަށްފަހު، ތަޅުދަނޑި ހިފައިގެން ގޮސް އެ އަމަލު ހިންގީކަމަށް އޭނާ ވަނީ ބުނެފައެވެ.
ފުލުހުން މީގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު މާލޭގެ ގަލޮޅުގައި ހުންނަ އެ ގެއަށް ވަދެ، އެ ގޭގައި ތިބި މީހުންނަށް ބިރުދެއްކުމަށްފަހު ވަނީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

