ހުޅުމާލޭގެ މަގުމަތީގައި އާންމުންނަށް ނުރައްކާވާ ގޮތަށް، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ދުއްވި މީހަކު ޖޫރިމަނާކޮށް، އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭގެ 10:30 ހާއިރު ހުޅުމާލެ ފޭސް 1 ގައެވެ.
ނުރައްކާތެރި ގޮތަކަށް އޭނާ ސައިކަލު ދުއްވާތަން ފާހަގަކުރެވުނީ، އެ ވަގުތު މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ޓީމަކަށެވެ. އެގޮތުން، ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީގައި ތިބި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކުރީ ފުރޮޅު ހިއްލައިގެން ބާރު ސްޕީޑުގައި ދުއްވިކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ސައިކަލު ދުއްވަން އިން އުމުރުން 20 އަހަރުގެ ދިވެހި ފިރިހެން މީހާ ހުއްޓުވައި، ގަވާއިދާ ހިލާފުވުމުން އޭނާ ޖޫރިމަނާކޮށް އެ ސައިކަލު ޓޯކޮށްފައެވެ.
ފަހަކަށް އައިސް މާލެއާއި ހުޅުމާލެ އަދި ސިނަމާލެ ބުރިޖުގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ސިނަމާލެ ބުރިޖުމަތީގައި ސައިކަލު މަތީ އޮށޯވެގެން އިނދެ ނުރައްކާތެރިކޮށް ދުއްވި މީހަކުވެސް މި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އާޓިފިޝަލް ބީޗު ސަރަހައްދު ބޮޑު ތަކުރުފާނު މަގުގައި ޓްރެފިކަށް ބާރު ބޮޑު ވަގުތެއްގައި ނުރައްކާތެރި ގޮތަކަށް، ޒިގްޒެގްކޮށް ސައިކަލު ދުއްވި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކުގައި އެންމެ ބޮޑަށް ފާހަގަވީ، ބާރު ސްޕީޑުގައި، ނުރައްކާތެރި ގޮތަކަށް ދުއްވާފައިވާ އެ މީހުން މީގެ ކުރިން ވެސް ހިފަހައްޓައި ޖުރިމަނާކޮށްފައިވާކަމެވެ. އަދި ސޯސަން މަގުގައި އަންހެނަކު ނިޔާވި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރިއިރު، އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
މީގެއިތުރުން ހުޅުމާލޭގައި ވަގަށް ނަގާފައިވާ ސައިކަލެއްގައި ދެ ފިރިހެނުންނާއި އަންހެނަކު އަރުވައިގެން، ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވި ބަޔަކު ވެސް ވަނީ އެކްސިޑެންޓުވެފަ އެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ވަންވޭއާއި އެއްކޮޅަށް ގަވައިދުން އައި އެއް އާއިލާއެއްގެ ދެ މީހުންނަށް ދަނީ ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ފަރުވާ ދެމުންނެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން، އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް، ދުއްވާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

