ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މީހުން އަރުވައިގެން ސައިކަލު ދުއްވި މީހާ ދޫކުރީ ބަންދު އަމުރެއް އޮއްވައި؛ އެކްސިޑެންޓުވީ ދޫކޮށްލި ރޭ!

ހުޅުމާލެ 2 ގައި ހިނގި އެކްސިޑެންޓު/ ފޮޓޯ: ޖީލު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގެއްގައި ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެ ސައިކަލް ދުއްވި މީހާއަކީ ކޯޓުން ބަންދުކުރަން އަމުރުކޮށްފައި ވަނިކޮށް ދާދިފަހުން ދޫކޮށްލާފައިވާ މީހެއްކަން އެނގިއްޖެ އެވެ.

މި ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހެއްގެ ހާލު ދެރަވެ، މިހާރު ވެސް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކެއްގެ ސިކުނޑިއަށް ލޭއެޅިފައިވާއިރު، އަނެއް މީހާގެ މޫނުމައްޗަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހ. ލާމިޔާ، އަހުމަދު އުވެއިސް ނަމަކަށް ކިޔާ މީހަކު، ތިން މީހުން އަރުވައިގެން ފުލުހުންނަށް ފިލަން ވަންވޭއާ އިދިކޮޅަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލް، ގަވާއިދުން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އުވެއިސްއަކީ ގެސްޓްހައުސްއަކަށް ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި މި މަހުގެ އެއްވަނަ ދުވަހު ކްރިމިނަލް ކޯޓުން 15 ދުވަހުގެ ބަންދެއް ޖެހި މީހެކެވެ. ކޯޓު އަމުރުގައި އޭނާއަކީ މުޖުތަމައަށް ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށްފައި ވީނަމަވެސް، ތަހުގީގު ނިމިފައިވާކަމަށް ބުނެ ފުލުހުން އޭނާ ދޫކޮށްލީ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އޭނާ ބަންދުން ދޫކޮށްލި ރޭގެ ވަގުތެއްގައެވެ.

ކުށުގެ ބޮޑު ރެކޯޑެއް އޮންނަ އުވެއިސްއަކީ މީގެ ކުރިން ހިޔާ ފްލެޓެއްގައި އަންހެނަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައަކާއި، ފުލުހުންގެ ބަންދުގައި ހުރި ކުށްވެރިއަކު ފިލުވަން މަސައްކަތްކުރި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.

އުވެއިސް ދޫކޮށްލި ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ އިސް ތަރުޖަމާނު ޝިޔާމް ”ސަންގު“ އަށް ވިދާޅުވީ، އޭނާ ހައްޔަރުކުރީ ގެސްޓްހައުސްއަކަށް ފައިސާ ނުދައްކައި ސައްހަ ނޫން ސްލިޕެއް ފޮނުވި މައްސަލައެއްގައި ކަމަށެވެ. އެފަދަ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލަކީ ހަމައެކަނި ތަހުގީގަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށްޓަކައި ބަންދުކުރުންކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، އޭނާގެ ފަރާތުން ތަހުގީގަށް ބަލަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، މި މަހުގެ 6 ވަނަ ދުވަހު އޭނާ ދޫކޮށްލީ އެ ސަބަބަށްޓަކައި ކަމަށެވެ.

މީގެއިތުރުން، އޭނާގެ މައްޗަށް މީގެ ކުރިން ރެކޯޑުކުރެވިފައިވާ ގިނަ މައްސަލަތަކަކީ ޓްރެފިކް ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލަތައްކަމަށް ވެސް ޝިޔާމް ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: