މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ ދަށުން ތަރައްޤީކުރާ ފިންގަރ ޖެޓީތަކުގެ ކޮލަމް އިންސްޓޯލްކުރުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފިންގަރ ޖެޓީތަކުގެ ކޮލަމް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އިތުރުން ރީއިންފޯސްމަންޓް އަދި ޝަޓަރިންގ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މިއީ މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ޖެޓީތަކުގެ ތަރައްޤީގެ މަސައްކަތްތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ރަމްޒުކޮށްދޭ މުހިންމު ކުރިއެރުމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މާލޭގެ އުތުރު ފަރާތު ތޮއްޖެހުން ކުޑަކޮށް، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިންގާ މި މަޝްރޫޢުގެ ދަށުން، ޒަމާނީ ފެންވަރަށް ފިންގަރ ޖެޓީތައް ތަރައްޤީކުރެވިގެންދާނެއެވެ.
މި މަޝްރޫޢަކީ ވެރިރަށް މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ފަޅުތެރެ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

