ފިލްމީ ދާއިރާގެ ބަޔަކާއި އެކު ދާދިފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޝާހިލް މުހައްމަދު، މީގެ ކުރިން ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ދޫކޮށްލީ ބަންދުގައި ގިނަ ދުވަސް ވެފައިވާތީ އާއި އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޝާހިލް ހައްޔަރުކުރީ ރާއްޖޭގެ ތިން ފިލްމީ ތަރިން އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު (ޖުމާ)، 35، އަދި މުހައްމަދު ވިޝާލް (ރޯމަން)، 29، އާއެކު އެވެ. އެ މީހުން ތިބި ކޮޓަރިއަށް ފުލުހުން ވަތްއިރު މޭޒުމަތީގައި ހާމައަށް ޓްރެފިކިންގެ މިންގަނޑަށް އަރާ ވަރަށް މަސްތުވާތަކެތި ހުރި އިރު، ޝާހިލް ހިމެނޭހެން އެ ހަތަރު މީހުން ވެސް ވަނީ މެތާއި ގުޅުންހުރި ސިންތެޓިކް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ.
މި މައްސަލައިގައި އެ އެންމެންގެ ބަންދަށް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
ޝާހިލް އަކީ ޖުލައި 24، 2024 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އިއްތިހާދު އެއާވޭސްގެ ފްލައިޓުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި ފޮރުވައިގެން އެތެރެކުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި ހުރި މީހެކެވެ.
އެ މައްސަލައިގައި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތަކަށް ފަހު، އެ ލަގެޖާ އެންމެ ފަހުން ހަވާލުވި މީހަކީ ޝާހިލް އެވެ. ލަގެޖު ފާސްކުރިއިރު އޭގެ އެއްފަޅީގައި، ކޮންސީލްކޮށްފައި އޮތް ޝީޓެއްގެ ތެރެއިން ދެ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން ފެނިފައިވެ އެވެ. މި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ ތެރެއިން، މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި ޕާކިސްތާނު މީހާގެ މައްޗަށް މިހާރު ވަނީ ކުށް ސާބިތުވެ ހުކުމް ކޮށްފަ އެވެ. އަދި ދެން ހިމެނޭ ދިވެހި މީހާގެ މައްސަލަ ވެސް ނިމިފައިވާއިރު، ޝާހިލްގެ މައްސަލަ ދިގުލައިގެން ގޮސް އޮތީ ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާގަ އެވެ.
ޝަފީއު ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހުކުމެއް ނެތި މީހަކު ބަންދުގައި ހުންނަތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ، އާންމު އުސޫލުން އެ މީހެއްގެ ބަންދު މުރާޖައާ ކުރަމުން ގެންދާ ކަމަށެވެ.
ޝާހިލްގެ މައްސަލައިގައި އޭރު ފުލުހުން ބުނީ ހައްޔަރު ކުރި މީހުންނާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ދިވެހި ޑްރަގް ނެޓްވޯކްތަކާއި ގުޅުން އޮންނަ ކަމަށެވެ.

