ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް ރައީސް ޔާމީނަށް: ރަސްމާލެ މަޝްރޫއު ނުހުއްޓުވޭނެ، ތިޔަ އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި

ޕީޕީއެމް އިން ނޮވެމްބަރު، 2019 ގައި ބޭއްވި ހިބަރު ވަދު ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއު ނުހުއްޓުވޭނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އެ މަޝްރޫއަށް ހުރަސްއަޅުއްވަން އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު ބިޔަ މަޝްރޫއު ހުއްޓުވުމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ކުރި މަސައްކަތްތައް ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ، ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ މަޝްރޫއަށް ހުރަސްއެޅުމަށް މިއަދު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ ހުރީ ކޮން ތަފާތެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އޭރު ދެއްކެވި ވާހަކަފުޅުތަކާއި މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމާނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ފ. އަތޮޅު މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ނުކުތުމުން އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމާއި ރައްޔިތުންނަށް ވީ ޣައްދާރެއްގެ ގޮތުގައި އޭރު ރައީސް ޔާމީން ސިފަކުރެއްވި ކަމަށެވެ. ނަމަވެސް މިއަދު ހަމަ އެފަދަ ދަހިވެތިކަމެއްގައި ރައީސް ޔާމީނަށް ވެސް ޣައްދާރުވެވެނީ ގައުމާއި ރައްޔިތުންނަށް ނޫންތޯ އަބްދުއްރަހީމް އެއްސެވިއެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް އަދި ދެއްކޭ ނުދެއްކޭ ވާހަކައެއް ވެސް އެނގިވަޑައިނުގަންނަވާ ހިސާބަށް ރައީސް ޔާމީންގެ ކަންކަން ގޮސްފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ.އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވަން އެމް.ޑީ.ޕީ އިސްވެ އޭރު ކުރި މަސައްކަތާ ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން މި އުޅޭ ބިޔަ މަޝްރޫޢަށް ހުރަސް އެޅުމަށް މިއަދު ރައީސް ޔާމީނު އިސްވެހުރެ އެމްޑީޕީއާ ގުޅިގެން ކުރަމުން އެ ގެންދާ މަސައްކަތާ ހުރީކޮން ތަފާތެއްތޯ؟އޭރު އެ ދެއްކެވި ވާހަކަޔާ މިއަދު އެ ދައްކަވާ ވާހަކަޔާ ދިމާވަނީ ކިހާވަރަކަށްތޯ؟އޭރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީކަމަށް. މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރުވެވެނީ ގައުމާ ރައްޔިތުންނަށް ނޫންތޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭކަމެއް ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ؟ ބަލަގަ ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަޞައްރުފު ފުދިފައި ތިބި މާ ހަރުދަނާ ބައެއް. ގައުމާ މެދު ވިސްނާ ފިކުރުކޮށް ރަނގަޅާ ނުބައި ވަކިކުރަން ދަންނަ ބައެއް. މާތްاللهގެ ތަނަވަސް ރަޙުމަތްފުޅުން ރަސްމާލޭގެ މަޝްރޫޢު ނުހުއްޓުވޭނެ. އިރާދަކުރެއްވިއްޔާ ރައީސް ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގައި ލަހެއްނުވެ މި ބިޔަ މަޝްރޫޢު ފެށިގެންދާނެ. އަދި މި މަޝްރޫޢު ކުރިއަށްދާނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން. މުސްތަގްބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބިގެންދާނެ. ދިވެހީން ބޭނުންވަނީ ހަމަޖެހުން،ރައްކާތެރިކަން،ތަރައްގީ ޝިޢާރަކީ އެންމެ ފުރަތަމަ ގައުމު. އަބްދުއްރަހީމް

ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަސައްރުފު ފުދިފައި ތިބި ހަރުދަނާ ބައެއްކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންނަކީ ގައުމާ މެދު ވިސްނައި ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ބައެއް ކަމަށެވެ. އަދި ދިވެހިން އަބަދުވެސް އެދެނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި، ތަރައްގީއަށް ކަމަށާއި އެންމެންގެ ޝިއާރަކަށް ވާންވާނީ ”އެންމެ ފުރަތަމަ ގައުމު“ ކަމަށް ވެސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއު ނުހުއްޓުވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ލަސްތަކެއް ނުވެ މި ބިޔަ މަޝްރޫއު ފެށިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، މުސްތަގުބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: