ގއ. ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
”އަހާ ފޯރަމް“ގައި އެ އެއާޕޯޓާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މަސައްކަތުގެ ކޮންޓްރެކްޓަރު ބަދަލުކޮށް އަލުން މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ އައު ކޮންޓްރެކްޓަރަކާއެކު ސޮއިކޮށް އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ.“
ގއ. ވިލިނގިލީގެ ބިން ހިއްކުމާއި ރަށުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު އެކަން އިޢުލާނުކުރެއްވީ ކެމްޕެއިންގެ ތެރެއިން 2023 ވަނަ އަހަރު އޮގަސްޓުމަހު ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެ މަޝްރޫޢުގައި ކުރިއަށްދާނެ މައިގަނޑު މަސައްކަތަކީ ގއ. ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާއި ގއ. އަތޮޅުގައި ޓޫރިޒަމް ސިނާޢަތު ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްޤީކުރުމެވެ. އެ މަޝްރޫޢުގެ ދަށުން 2.2 ކިލޯ މީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަރނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ތަރައްޤީކުރާނެއެވެ.

