ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭ ޒާތުގެ މައްސަލައަކަށް ނުވާތީ ކަމަށް ބުނެއެވެ.
ނަމަވެސް، ރަޖިސްޓްރާގެ މި ނިންމެވުމާމެދު ހިތްހަމަނުޖެހޭނަމަ، 14 ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް ގާނޫނީ ގޮތުން ލިބިގެންވެއެވެ.
އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މި މައްސަލައިގައި ބަޔާންކޮށްފައިވަނީ، އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ބޮޑު ސަރަހައްދެއް އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ނުދައްކާ ގޮތަށް 99 އަހަރަށް ދިނުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށެވެ. މީގެއިތުރުން، އެ ބިން ތިންވަނަ ފަރާތްތަކަށް އަލުން ކުއްޔަށް ދިނުމާއި އެހެނިހެން މުއާމަލާތްތައް ކުރުމުގެ ފުރިހަމަ އިހުތިޔާރު އެ ކުންފުންޏަށް ލިބިދޭ ގޮތަށް ހަމަޖެހިފައިވުމަކީ ދައުލަތުގެ ސިޔާދަތީ ބާރާއި އިގްތިސާދީ މަސްލަހަތަށް ގެއްލުންވާނެ ކަމެއް ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު މިހާރު އޮތް ގޮތުން، ދައުލަތުގެ މިލްކިއްޔާތުގައިވާ ބިމެއް ނުވަތަ މުދަލެއް ބޭރުގެ ފަރާތަކަށް އެއްފަހަރާ 99 އަހަރަށް މިފަދަ ގޮތަކަށް ދޫކުރުމުގެ ބާރު ލިބިދޭ ސާފު ގާނޫނީ ހަމައެއް ނެތެވެ. މި މައްސަލައިގައި އަލީ ހުސައިން ވަކާލާތު ކުރައްވަނީ، މި އެއްބަސްވުމަކީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ސީދާ ހިލާފު މުއާމަލާތެއް ކަމަށެވެ. ގާނޫނުއަސާސީގެ މި މާއްދާތަކަކީ ދައުލަތުގެ ބިމާއި، ސަރަހައްދާއި، އަދި ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ދައުލަތުގެ ސިޔާދަތީ ބާރު ދެމެހެއްޓުމަށާއި ބޭރުގެ ފަރާތްތަކަށް މިލްކުކޮށްދިނުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުހިންމު ހަމަތަކެކެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ، ގާނޫނުއަސާސީއާ ހިލާފަށް ހަދާފައިވާ މި އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ. އަދި ހަމައެއާއެކު، ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަކި ގޮތެއް ނިންމައި ހުކުމެއް އިއްވަންދެން، އެއްބަސްވުމުގެ ދަށުން އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފައެވެ. މިފަދަ ވަގުތީ އަމުރަކަށް އެދިފައިވަނީ މައްސަލަ ނިމުމުގެ ކުރިން އިޔާދަނުކުރެވޭނެ ފަދަ ގެއްލުމެއް ދައުލަތަށް ވިޔަ ނުދިނުމުގެ މަގުސަދުގައެވެ.

