ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް ލިބޭ އިހުތިޔާރު ފުޅާކުރާ ބިލު މަޖިލީހަށް ބަލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށައެޅުމަށް ދަުލަތަށް ލިބޭ އިހުތިޔާރުތައް ފުޅާކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށައަޅައިވާ އިސްލާހުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށައެޅުއްވީ މިދިިޔަ އޮގަސްޓުގައެވެ. ބިލުގައިވާ ގޮތުން އެ އިސްލާހުތަކުގެ ބޭނުމަކީ ޖިނާއީ މައްސަލަތަކުގައި ހެކި ހާމަކުރިމާއިގުޅޭ އުސޫލުތައް މުރާޖާކުރުމާއިކުށްކޮށްގެން ހޯދާ މުދަލާއި ގުޅޭ ބިލާ ގުޅިގެން މި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ.

މި ބިލު މަޖިލީހަށް ބަލައިގެންފައިވަނޯ ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. އެހެންކަމުން މި ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި ގާނޫނަށް މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ އިސްލާހުތަކަކީ، ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމަށް ލިބޭ އިހުތިޔާރު ފުޅާކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކެކެވެ. އެގޮތުން، ހާމަކުރަން ނުޖެހޭ މައުލޫމާތާއި ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމުގައި ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކަށް އޮންނަ އިހުތިޔާރުތައް މި ބިލުގައި ވަނީ ވަކިވަކިކޮށް، ތަފްސީލުކޮށްފަ އެވެ.

މި ބިލުގައި ހެކި ރައްކާތެރިކުރުމާއި މައުލޫމާތު ސިއްރު ކުރުމުގައި އެންމެ ބޮޑަށް ފުޅާކޮށްފައިވަނީ ދައުލަތަށް ލިބޭ އިހުތިޔާރުތަކެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ދައުލަތުން ހާމަކުރަން ނުޖެހޭ މައުލޫމާތުތަކުގެ ގޮތުގައި އޮންނަނީ، ތަހުގީގީ އިދާރާތަކުގެ އެކަނި ބޭނުމަށް ތައްޔާރުކުރާ ރިޕޯޓު ފަދަ ލިއުންތަކާއި ސަރުކާރުގެ މުވައްޒަފަކަށް، ވަކީލަކަށް އަދި ހެކިވެރިއަކު ނުވަތަ ހެކިވެރިއަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާންތައް ފަދަ ތަކެއްޗެވެ.

ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅޭ ހާލަތްތަކުގައި، ކޯޓަށް ލިބިދޭ އިހުތިޔާރުގެ ދަށުން މިހާރު އެ އިހުތިޔާރު ލިބެނީ، އެއްވެސް މީހަކަށް ޖިސްމާނީ ނުވަތަ އެކަށީގެންވާ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބުން، މަޖުބޫރު ކުރުން، ތަހުގީގަށް ހުރަސް އެޅުން، ހެއްކެއްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން ނުވަތަ ހަލާކުކޮށްލުން ނުވަތަ ގެއްލުވާލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގަ އެވެ.

ބިލުގައި ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި ދައުލަތުގެ ހެކި ސިއްރުކުރުމާއި ރައްކާތެރިކުރުމުގެ އިތުރު ހާލަތްތަކެއް ހިމަނާފައިވެ އެވެ. އެއީ:

  • ސިއްރު އޮޕަރޭޝަންތަކުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ދެނެގަނެވޭ ނަމަ އެފަދަ މައުލޫމާތެއް
  • ޖިނާއީ ތަހުގީގުތަކުގެ އޮޕަރޭޝަނަލް ކަންކަމުގެ މައުލޫމާތު ހާމަވެދާނެ މައުލޫމާތުތައް
  • ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަވެދާނެ ފަދަ ހާލަތްތަކެއް މެދުވެރިވުން
  • އެ ހެއްކެއް ހާމަކުރުމުގެ ސަބަބުން އިތުރު ކުށެއް ކުރުމަށް މަގުފަހިވުން
  • ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ހިންގުން
  • އެ ހެއްކަކީ ވިޔަފާރި ސިއްރެއް ހާމަވެދާނެ ނުވަތަ ވިޔަފާރީގެ މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތުން

ދައުވާ ރައްދުވާ ފަރާތަށް ހެކި ސިއްރުކުރުމާއި ރައްކާތެރިކުރުމުގެ އިހުތިޔާރު ދިނުމުގައި މި އިސްލާހުގައި މާ ބޮޑު ބަދަލުތަކެއް ގެނެސްފައެއްނުވެ އެވެ. ހަމައެކަނި ގެނެސްފައިވާ އިސްލާހަކީ، މިހާރު ލިބޭ އިހުތިޔާރުތަކުގެ މާއްދާތައް އޮންނަ ގޮތުގެ އިބާރާތްތަކަށް ކުދިކުދި ބަދަލުތައް ގެނައުމެވެ. އެގޮތުން، ގެނެސްފައިވާ ހަމައެކަނި ބަދަލަކީ ބޮޑު ގެއްލުމެއް މީހަކަށް ދޭނެ ކަމުގެ އިންޒާރު ލިބިފައިވާ ނަމަ އެ ހެއްކެއް ސިއްރުކުރުމުގެ އިހުތިޔާރެވެ.

ދެން ބިލުގައި ހިމަނާފައިވާ އިސްލާހަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާއިން ފެށިގެން 197 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް ގާނޫނުން އުނިކުރުމެވެ. އެއީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ނެގުމާގުޅޭ އިޖުރާއަތުތައް ހިމެނޭ ބާބެވެ.

މި ބާބުގައި ހުރި ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ހުރިހާ މާއްދާތައް އުނިކުރަނީ، ކުށްކޮށްފައިވާ މުދާ ހޯދުމާ ބެހޭ ގާނޫނެއް މިހާރު އެކުލަވާލަމުންދާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: