އީގަލް ހިލްސް މަޝްރޫއުގެ ދަށުން ދިގު މުއްދަތަކަށް ބޭރުގެ ބަޔަކަށް ބިން ކުއްޔަށް ދޭ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވުމުން އެކަން ބޮޑު ޖޯކަކަށް ވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޒަރީރު ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން 99 އަހަރަށް ތަންތަން ކުއްޔަށް ދެވޭ ގޮތް ހެއްދެވީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށެވެ. އަދި އޭރު ފާފު އަތޮޅު ވެސް ދިގު މުއްދަތަށް ކުއްޔަށް ދެއްވަން އެމަނިކުފާނު އުޅުއްވިކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާއަކީ އަބަދުވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށާއި، އެ ދުވަހު ވެސް އެކަމަށް ތާއީދުކުރެއްވި ކަމަށް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވި ގޮތުގައި، މިހާރު އީގަލް ހިލްސްގެ މަޝްރޫއާ ގުޅުވައިގެން އެންމެ ބޮޑަށް ދޮގު ވާހަކަ ދައްކަވަނީ ކުރިން ވެރިކަން ކުރައްވާފައިވާ އަދި އޭނާ ކުރިން ވަރަށް އިހުތިރާމް ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް، ކިތަންމެ އިހުތިރާމް ކުރާ ބޭފުޅެއް ނަމަވެސް ރައްޔިތުންނަށް މައުލޫމާތު ދެއްވާއިރު ތެދަށް ވާހަކަ ދައްކަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ކަންކަން ހިނގާފައިވާ ގޮތުގެ މިސާލު ދައްކަވަމުން ޒަރީރު ވިދާޅުވީ، ވ. އަތޮޅު ފޮއްތެޔޮފަޅުން 750 ހެކްޓަރު ކުއްޔަށް ދިނުމުން ދައުލަތަށް ލިބުނީ ގާތްގަނޑަކަށް 2 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެނބޫދޫފަޅު 99 އަހަރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބުނީ 40 މިލިއަން ޑޮލަރު ކަމަށާއި، އެފަދަ ކަންކަން ކުރައްވާފައިވާ ބޭފުޅަކު މިއަދު އީގަލް ހިލްސްގެ ވާހަކަ ދެއްކެވުމުން އެކަން ޖޯކަކަށް ވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޒަރީރު ވިދާޅުވީ، ރައީސް ޔާމީނަކީ އިގްތިސޯދު އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ނަމަވެސް، މިއަދު އެމަނިކުފާނު ނޫން އެހެން ބޭފުޅަކު އެފަދަ މަސައްކަތެއް ކުރާތީ އެކަން ”ހަޖަމު“ ނުވަނީ ކަމަށެވެ. އަދި މި މަޝްރޫއަށް އެއްވެސް ބޭފުޅަކު ދެކޮޅު ނޫން ކަމަށާއި، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިކަމަށް ތާއީދު ކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

