އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވާ ގޮތަށް، އެއްވެސް އުނިއިތުރެއް ނުގެނެސް 133.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްތިފާގުން ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީން ފާސްކުރި ޖުމްލަ 133،590،265 ރުފިޔާގެ ބަޖެޓުގައި ހިމެނެނީ ރިކަރަންޓު ޚަރަދުގެ ގޮތުގައި 85.8 މިލިޔަން ރުފިޔާ އާއި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.2 މިލިޔަން ރުފިޔާ އެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫޢުތަކަށް 43.5 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މި ބަޖެޓާއެކު އަންނަ އަހަރު ޖުމްލަ 394 އޮޑިޓެއް ކުރިއަށްގެންދިއުމަށް އޮޑިޓް އޮފީހުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މިއަހަރު ނުނިމި ހުރި 120 އޮޑިޓެއްގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ 106 އޮޑިޓަކާއި، ދައުލަތުގެ މުއައްސަސާތަކުގެ 61 އޮޑިޓް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 40 އޮޑިޓް ހިމެނެއެވެ. މީގެ އިތުރުން ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކާއި، ފިސްކަލް ޓްރާންސްޕޭރެންސީ، ދައުލަތުގެ ދަރަނި، ޕާފޯމަންސް، ސްޕެޝަލް، އިންފޮމޭޝަން ސިސްޓަމްތައް އަދި ތިމާވެއްޓާ ގުޅުންހުރި އޮޑިޓްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މިއަހަރަށް އޮޑިޓް އޮފީހަށް ކަނޑައަޅާފައިވާ 134.2 މިލިޔަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އަހަރު ނިމޭއިރު ބޭނުންނުކުރެވި ގާތްގަނޑަކަށް 31 މިލިޔަން ރުފިޔާ ބާކީ ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ކަންކަން އެކުލަވާލާފައިވަނީ އެ ފައިސާވެސް ހިމަނައިގެންނެވެ.

