ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.
މެޓުން ހުދު ސަމާލު ނެރުނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެއީ މިއަދު 13:15 އިން ފެށިގެން މިރޭ 19:00 އަށެވެ. މެޓުގެ ސަމާލުގައިވާގޮތުން މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ އިރު، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އިއްޔެވެސް ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެއާ މިއަދުވެސް އެ ސަރަހައްދަށް މޫސުން ގޯހެވެ. ބޯކޮށް ވާރޭވެހި ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވާއިރު، މިރެއާ ހަމައަށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ވިއްސާރަވި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓު އޮފީހުންވަނީ ލަފާކޮށްފައެވެ.

