ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ޓަވަރުތަކުން ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށް، އެ ތަންތަން ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.
އެފްޑީސީގެ މި އެންގުމާއި އެކު ދެ ފަރާތަށް އެފްޑީސީ ޕޯޓަލްއިން ދީފައިވާ ހިދުމަތްތައް މިހާރު ވަނީ ކަނޑާލާފައެވެ.
އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުލި ނުދައްކާ ހުރި މި ދެ ޔުނިޓުގެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށް ފަހު ކަމަށެވެ. އެގޮތުން ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ފްލެޓްތައް އެއްކޮށް ހުސްކޮށް، އެ ކޯޕަރޭޝަނާ ހަވާލުކުރުމަށް މިހާރު ވަނީ އަންގާފައެވެ.
އެފްޑީސީން ފާހަގަކުރި ގޮތުގައި، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ސޯޝަލް ހައުސިންގ ޔުނިޓުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރެވުނެވެ. އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދެއްކި ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ދިގު މުއްދަތެއް ދެވިފައިވާ ކަމަށާއި، މި މުއްދަތުގައި ދެ ފަހަރެއްގެ މަތިން ރަސްމީ ނޯޓިސް ފޮނުވިކަމަށް އެފްޑީސީން ބުންޏެވެ. އަދި އެއްބަސްވުން އުވާލުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ އެންމެ ފަހުގެ ނޯޓިސްއާއި، ފަހި ޕޯޓަލް އާއި އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ހަވާލުކުރެވުނުކަމަށް ބަޔާނުގައިވެ އެވެ.
އެފްޑީސީން ބުނީ މިފަދަ ފިޔަވަޅުތަކެއް އަޅަން ޖެހުނީ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ދެމެހެއްޓުމަށް ކަމަށެވެ.

