ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި މަހުގެ ކުރީކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ގަވާއިދާ ހިލާފަށް ސައިކަލު ދުއްވި މީހާ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ހައްޔަރުކޮށްފި އެވެ.
މި އެކްސިޑެންޓުގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ނިރޮޅުމަގުގައި ހިނގި މި އެކްސިޑެންޓު މައްސަލައިގައި ހައްޔަރު ކުރީ ލ. މާމެންދޫ، އިރުމަތީގޭ، އުމުރުން 27 އަހަރުގެ މުހައްމަދު ސައިފެވެ. އޭނާ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
ފުލުހުން ބުނި ގޮތުގައި، ސައިފަކީ މީގެ ކުރިންވެސް ޓްރެފިކް ގަވާއިދުތަކާ ހިލާފުވުމުގެ ރެކޯޑެއް އޮތް މީހެކެވެ. އެގޮތުން ލައިސަންސް ނެތި ދުއްވައިގެން 13 ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައިވާ އިރު، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި އުޅަނދު ދުއްވުމުގެ އިތުރުން، ދުއްވަމުން ފޯނު ފަދަ މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ ކުށުގެ ރެކޯޑުވެސް އޭނާގެ މައްޗަށް އޮވެއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މި މަހުގެ 6 ގައި ގަވާއިދާ ހިލާފަށް ތިން މީހުން އަރުވައިގެން ސައިފް ދުއްވި ސައިކަލު، އެހެން ސައިކަލުގައި ޖެހިގެންނެވެ. އެ ހާދިސާގައި ދެވަނަ ސައިކަލުގައި ތިބީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެ ދެމީހުންނަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ.

