ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގުބޫލުކަން ގެއްލި، ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން މުޅި ގައުމު ފުން އަނދަވަޅަކަށް ވެއްޓެމުންދާކަމަށް އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް މުހސައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަ ފައްޓަވަމުން އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ދަނީ ދުވަހެއް ދުވަހަކަށް ބޮއްސުންލައި ހަލާކުވަމުން ކަމަށެވެ. ޑޮލަރުގެ އަގު 22.50 ރުފިޔާގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ތާށިވެފައިވާކަމަށް ރައީސް ނަޝީޑު ވިދާޅުވިއެވެ. އަދި ވިދާޅުވީ ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށާއި ޔޫޓިލިޓީސްތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެ، ވިޔަފާރިތަކުގެ ފައިދާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ބޭރުގެ ދަރަނި އަދާކުރަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި، ދައުލަތުގައި ހުރި ހުރިހާ ޑޮލަރެއް އެއްފަހަރާ ހޭދަކޮށްގެންކަމަށާއި، އޭގެ ސަބަބުން ގައުމުގައި އެއްވެސް ވަރަކަށް ޑޮލަރު ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުން ޑޮލަރު ހޯދުމަށް ސަރުކާރުން ދައްކާ ވާހަކަތަކަށް ފާޑުކިއުން އަމާޒުކޮށް ވިދާޅުވީ، ފުރަތަމަ އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު، ދެން 20 ޕަސެންޓް އަދި 40 ޕަސެންޓް މާރުކުރަން ބުނެ އެކަންކަން ނުވުމުން ބޭރުގެ ޓުއާ އޮޕަރޭޓަރުން ލައްވާ ޖީއެސްޓީ ދައްކުވަން އުޅުމުން އޭގެއިން ވެސް އެއްވެސް ފައިސާއެއް ނުލިބުނު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ގައުމީ ދިދައަށް އަމާޒުކޮށް ވާހަކަ ދެއްކެވުމާއި، ދިވެހިންނަކީ ފަރަންޖީންނާއި ކާފަރުންކަމަށް ބުނެ ރައްޔިތުންނަށް ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވެސް އޮޅުވާލި ކަމަށެވެ. އަދި ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތްއަޅައިގެން ހުންނަވާ ހުންނެވުމަށް ރައީސް މައުމޫން ވެސް ފާޑުވިދާޅުވެފައިވާކަން ފާހަގަކުރައްވައި، މިއަދު އެ ބޭފުޅުން ވެރިކަމަށް ވަޑައިގެން މަދަރުސާތަކުގައި ގައުމީ ސަލާމް ކިޔުން ހުއްޓުވާލުމަކީ ވެސް މައްސަލައަކަށް ނުހައްދަވާކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއްގެ ކޮންޓްރެކްޓަކީ ކޮބައިކަމާއި، ވަމުންދާ ގޮތެއް ރައްޔިތުންގެ މަޖިލީހަށް ވެސް ސާފުނުވާ ކަމަށާއި، މިގޮތަށް ކަންކަން ސިއްރުކޮށް ގައުމު ނީލަން ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

