ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 14 މިސްކިތެއް ހުޅުވާނެކަން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވަނީ، މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި 14 މިސްކިތެއް ހުޅުވާއިރު އޭގެ ތެރޭގައި ހުޅުމާލޭގައި އަލަށް ބިނާކުރެވޭ ތިން ދާއިމީ މިސްކިތް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
”ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ. އިންޝާ ﷲ. ހުޅުމާލޭގައި ދާއިމީ 3 މިސްކިތެއް ހުޅުވިގެންދާނެ“ ޝަހީމް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ މިސްކިތްތަކެއް އިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ. އޭގެ އިތުރުން މި އަހަރުގެ ތެރޭގައި އިތުރު މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ.
އެގޮތުން، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ފާހަގަކޮށްލެވެއެވެ. މި މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ކަންކަންވެސް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެއެވެ.
ހުޅުމާލޭގައި އިމާރާތް ކުރެވެމުންދާ ދާއިމީ މިސްކިތްތައް މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ހުޅުމާލެގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލާނޭކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

