ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންނަށް ބިން މިލްކުވާ ގޮތަށް އެއްވެސް މުއާމަލާތެއް ސަރުކާރުން ނުހިންގާނެ، އެމްޑީޕީން ކައްކަނީ ހިޔާލީ ފޮލާ: ތަރުޖަމާން

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މުޢާމަލާތެއް ހިންގަން އުޅޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުންދަނީ އެއްވެސް ޙަޤީޤަތެއް ނެތް ”ހިޔާލީ“ ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫޢު ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި މާލެ އަތޮޅު ފުށިދިއްގަރުފަޅު ހިއްކައި، އެ ތަނުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދީގެން ހިންގަން ނިންމާފައިވާ މަޝްރޫޢުގެ އެންމެހައި ތަފްޞީލުތައް ހާމަކުރަން ޖެހޭނެ ކަމަށެވެ. އަދި ބިދޭސީންނަށް ބިން މިލްކުވާ ގޮތަށް އެއްވެސް މުޢާމަލާތެއް ހިންގާ ނަމަ، ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް ވެސް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އީގަލް ހިލްސްއަށް ފުށިދިއްގަރުފަޅުން ބޮޑު ބައެއް ދިނުމަށް ސަރުކާރުން މިހާތަނަށް ޢަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުނީ، އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މަޢުލޫމާތާއި ސަރުކާރުން ހާމަކުރި މަޢުލޫމާތާ ދެމެދު ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ މި ތުހުމަތުތަކާ ގުޅިގެން ”ސަންގު“ އިން ސުވާލު ކުރުމުން ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވީ، ސަރުކާރުން ނެރެފައިވާ ބަޔާންތަކާއި މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކަށް ބެލުމުން ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބިމެއް މިލްކުވާ ގޮތަށް އެއްވެސް މުޢާމަލާތެއް ސަރުކާރުން ނުހިންގާކަން ސާފުވާނެ ކަމަށެވެ. އަދި ބިދޭސީންނަށް ބިން މިލްކުކޮށްދޭން އުޅޭ ކަމަށް ބުނެ އެމްޑީޕީން ފަތުރަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ އެމްޑީޕީން ކައްކަނީ ”ހިޔާލީ ފޮލާ“ ކަމަށެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ކަންތައްތަކެއް ހިންގަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދައުލަތުގެ ސިޔާދަތަކީ ޤައުމުގެ މިނިވަންކަން އެމައްޗަށް ބަރޯސާވާ، ބަދަލުނުކުރެވޭނޭ ޙައްޤެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭހެން، ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދައުލަތާ ޙަވާލުކޮށްފައިވާ ކަމެއް ކަމަށް ސަރުކާރުން ބަޔާންކޮށްފައިވެއެވެ.

ދުނިޔޭގެ ޖިއޮގްރަފީގައި ރާއްޖެ އޮތް އިސްތިރާޖީ މުހިންމު ސަރަޙައްދުގެ ސަބަބުން، ރާއްޖޭގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލާއި ޢާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރާ މަގުތަކެއްކަން ސަރުކާރުން ފާހަގަކުރެއެވެ. އެހެންކަމުން ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ އެއްވެސް ފަރާތަކާ ޙަވާލުނުކުރުމަކީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މައިގަނޑު ސިޔާސަތު ކަމަށާއި، ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ އެހެން ބާރަކަށް ދުވަހަކުވެސް ނުދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ އަލުން ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: