ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ މާލީ އިންތިޒާމުތަކާއި، އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ ދުރުރާސްތާ އަސަރުތަކާ މެދު އާންމުންގެ މެދުގައި ސުވާލުތަކާއި ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެ މަޝްރޫއުގެ އެއްބަސްވުން ހާމަކޮށް ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރު ތާއީދުކުރައްވައިފިއެވެ.
”ސަންގު ޓީވީ“އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން އާންމުކުރުމާ ގުޅޭގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އަލައްބާރު ވިދާޅުވީ، އެފަދަ އެއްބަސްވުންތައް ހާމަކުރަންވާނީ އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މިފަދަ ވިޔަފާރީގެ އެއްބަސްވުންތައް އާންމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް އަލައްބާރު ވިދާޅުވިއެވެ. އެހެންނަމަވެސް، އޭނާއަކީ އަބަދުވެސް ދެފުށް ފެންނަ ސިޔާސަތުތަކަށް ތާއީދުކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި އަލައްބާރު ވިދާޅުވީ، ފޮރުވަންޖެހޭ އެއްވެސް ކަމެއް ނެތް ނަމަ ރައްޔިތުންނާ މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
”ތެދަށް ދަންނަވާނަމަ އަޅުގަނޑު ގަބޫލުކުރަނީ ދެފުށް ފެންނަ އުސޫލުތައް. ކަންކަން ސިއްރުކުރާނީ ވަންހަނާ ކުރަންޖެހޭ ކަމެއް އޮތް ނަމަ. އަޅުގަނޑުމެންގެ ފޮރުވާނެ އެއްވެސް ކަމެއް ނެތް، އެހެންވީމާ އަޅުގަނޑު މިހުރީ މައުލޫމާތު ހާމަކުރުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ގެންދިއުމަށް ފުރިހަމައަށް އެއްބަސްވެގެން،“
މީގެ އިތުރުން، ރަސްމާލެ މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 5,000 ހައުސިންގ ޔުނިޓް ހިމެނޭހެން، ޑިވެލޮޕަރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި ވެފައިވާ އިލްތިޒާމުތައް އާންމުންނަށް ސާފުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މި މަޝްރޫއުން އެއްވެސް މަންފާއެއް ހޯދުމުގެ ކުރިން، އީގަލް ހިލްސްގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭން ގަސްތުކުރާ ކަންކަން އެނގިގެން ދިއުމަކީ އެ ކުންފުނީގެ އިހްލާސްތެރިކަން ހާމަވެގެންދާނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
އަލައްބާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ އެއްބަސްވުމެއްގެ އެންމެ މުހިންމު އަސާސަކީ ސަރުކާރާއި ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކާއި، ޑިވެލޮޕަރުގެ ފަރާތުން ފުރިހަމަކޮށްދޭނެ ކަންކަން ކަށަވަރުވެފައި އޮތުމެވެ.
މައުލޫމާތު ހާމަކުރުމުގެ އަސާސީ އުސޫލަށް އަލައްބާރު ފުރިހަމައަށް ތާއީދުކުރެއްވި ނަމަވެސް، އެއްބަސްވުން އެކުގައި އެއްކޮށް އާންމުކުރުމާ މެދު ވަކި ސީދާ ނިންމެވުމެއް އޭނާ ހާމައެއް ނުކުރައްވައެވެ. އަދި އޭނާ ތަކުރާރުކޮށް ވިދާޅުވީ، މިކަމުގައި އެންމެ އިސްކަމެއް ދޭންވާނީ ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއަށް ވާއިރު، އަބޫދާބީގެ އީގަލް ހިލްސްއާ އެކު 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައެވެ. މި އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ މެރީނާ ތަރައްޤީކުރުމަށް އެ ކުންފުންޏަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

