ބިމުގެ މިލްކުވެރިކަން އަބަދުވެސް އޮންނަންވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ އަތްމަތީގައި ކަމަށާއި އެއީ ވަކިކުރެވޭނެ އެއްޗެއް ނޫން ކަމަށް އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއުއާއި ގުޅިގެން އަލައްބާރު ”ސަންގަށް“ ދެއްވި އިންޓަވިއުގައި ވިދާޅުވީ ކޮންމެ އެއްބަސްވުމަކީވެސް އިންސާފުވެރި ހަމަތަކެއްގެ މަތިން އެކުލަވައިލެވޭ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. އޭގެ ފައިދާ ހުރިހާ ފަރާތްތަކަށް ލިބެންޖެހޭނެ ކަމަށާއި އަދި އެއްވެސް އެއްބަސްވުމަކީ ހަމައެކަނި އެއް ފަރާތަކަށް ފައިދާވާ ގޮތަށް އޮންނަ އެއްޗަކަށް ވެގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލައްބާރު ވިދާޅުވީ ބައިނަލްއަގުވާމީ މިންގަނޑުތައް ވަރަށް ސާފު ކަަމަށާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށްވެސް އެއްބަސްވުމެއްގެ އިންސާފުވެރިކަން ދެނެގަނެވިދާނެ ކަމަށެވެ. އަލައްބާރު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ބިމަކީ ވަކިކުރެވޭނެ އެއްޗެއް ނޫން ކަމަށާއި އެއްވެސް ނުރަނގަޅު ހާލަތެއް މެދުވެރިވި ކަމުގައިވިޔަސް، ރާއްޖޭގެ ބިން އަބަދުވެސް އޮންނާނީ ރާއްޖޭގައި ކަމަށެވެ.
ބިމުގެ މިލްކުވެރިކަން އަބަދުވެސް އޮންނަންވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ އަތްމަތީގައި ކަމަށާއި މިއީ ބުއްދި ގަބޫލުކުރާ އެންމެ އަސާސީ ހަމަ ކަމަށްވެސް އަލައްބާރު ވިދާޅުވިއެވެ.
”އަދަދުތަކަށް ބަދަލު އައި ނަމަވެސް، އެއްބަސްވުމަކީ ސާފު އަދި ތަފްސީލީ އެއްޗަކަށް ވާންޖެހެ. މަސައްކަތް ނިންމަންޖެހޭ މަރުހަލާތަކާ ގުޅޭގޮތުން ވެވޭނެ އިލްތިޒާމުތަކާ ބެހޭގޮތުން ދަންނަވާނަމަ، އަދި އެއްބަސްވުމުގައި ސޮއެއް ނުކުރެވޭ. އެހެންކަމުން، އެއްބަސްވުން ފައިނަލްކުރާއިރު އެ ހުރިހާ ކަމެއް ތަފްސީލުކުރަންޖެހޭނެ“
އަލައްބާރު ވިދާޅުވީ އަދި ކޮންމެ ކަމެއް ކުރެވޭނެ ތާރީޚުތައް ހިމެނޭހެން މުޅި ޕްލޭން އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ ކަންކަން ހުށައަޅާއިރު އެކަން ކުރާންވާނީ އަމަލީގޮތުން ކުރެވޭފަދަ ގޮތަކަށް ކަމަށެވެ. އަދި ސަރުކާރުންވެސް މި މަޝްރޫޢު ކުރިއަށް ގެންދާނެ ތަރުތީބުވެފައިވާ ޕްލޭނެއް އޮތްކަން ކަށަވަރުކުރާނެ ކަމަށާއި އެ ޕްލޭނަކީ ދެފަރާތުން ގުޅިގެން ކުރާ މަސައްކަތުގެ މުހިންމު ބަޔަކަށް ވާނެ ކަމަށް އަލައްބާރު ވިދާޅުވިއެވެ.

