ސަރުކާރު ހިންގަން ވާނީ ކައުންސިލްތަކަށް ލިބިފައި އޮތް ބާރުވެރިކަމަށް ޖާގަދީގެން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކޮށް ބެލެހެއްޓުމަށްޓަކައި ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި އޮތް 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ފައިސަލް ވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިނގަމުންދާއިރު، ރާއްޖެ ތަރައްޤީކުރަން ޖެހޭނީ ކައުންސިލްތަކުގެ ބާރު ހަނިކުރުމެއް ނެތި ކަމަށާއި އަދި ކައުންސިލްތަކަށް މާލީ ގޮތުންނާއި، އިހުތިސޯސްގެ ގޮތުން ބާރުތައް ދޫކޮށްލައިގެން ނޫނީ ތައްރައްގީ ނުގެނެވޭނެކަމަށް ވިދާޅުވެފައެވެ.
”މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް އެއް ފަހަރާ ސަރުކާރަށް ނަގަން ނިންމި ބޭނުން ތަފުސީލުކޮށް ހާމަކުރެވިފައި ނެތް، އަދި އެކަމާ ގުޅޭ ގޮތުން ކައުންސިލްއާ މަޝްވަރާކޮށްފައި ނެތުމަކީ ކަންބޮޑުވާ ކަމެއް“ ފައިސަލް

ފައިސަލް މިހެން ވިދާޅުވެފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފައިވަނީ، އެ ބިންތަކުގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް އޮތް ފަރާތެއް ވާނަމަ، އެކަމަށްޓަކައި އިއުލާންކުރި ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެފަދަ ހިޔާލުތައް ލިޔުމުން އެ މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ކެބިނެޓުގެ ނިންމުމަކުން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ މަހުއެވެ.
އޭގެ އިތުރުން، ސަރުކާރުން ހިންގާ މަޝްރޫއުތަކާ އެއްވެސް ކައުންސިލަރަކު ދެކޮޅު ހެދުމަކީ މަނާ ކަމަކަށް ހަދާފައިވާއިރު، ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ކައުންސިލަރުންގެ މަސައްކަތުގެ ސުލޫކުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ވެސް ގާނޫނު އިސްލާހުކޮށްފައިވެއެވެ.
ކައުންސިލުގެ ބިންތައް އަތުލެވޭ އިސްލާހަށް ފުރަތަމަ ފަހަރަށް އަމަލުކޮށްފައިވާއިރު، އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި ސަރުކާރުގެ ހިދުމާތު މަރުކަޒުގެ ނަމުގައި ރައީސް ވަނީ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހާއްސަ އޮފީސްތަކެއް ވެސް މިދިޔަ ހަފްތާގެ ތެރޭގައި އުފައްދަވައިފައެވެ.

