މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ރިޒާވް ބޭންކް އޮފް އިންޑިއާ ދެމެދު ހަމަޖައްސާފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސުވަޕް ފެސިލިޓީ އިތުރު މުއްދަތަކަށް ފަސްކޮށްދިނުމަށް (ރޯލްއޯވަރ ކުރުމަށް) އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފެސިލިޓީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާން ދަތުރުފުޅުގައި ސާކް ގައުމުތަކަށް ހާއްސަކޮށްފައިވާ ކަރަންސީ ސުވަޕް އިންތިޒާމުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން 30 މިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ 23 އޭޕްރިލް 2026ގައެވެ.
2024 އިން 2027 އަށް އެކުލަވާލާފައިވާ އެ އެއްބަސްވުމުގެ ދަށުން، އިންޑިއާ ރޫޕީޒް ބޭނުންކޮށްގެން ހިންގާ ކަރަންސީ ސްވޮޕްގައި އިންޓްރެސްޓް ރޭޓަށާއި އެހެނިހެން ޝަރުތުތަކަށްވެސް ވަނީ ލުއިތަކެއް ދީފައެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ރިޒާވް ބޭންކު މެދުވެރިކޮށް 1.1 ބިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ.
30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވަޕްގެ މުއްދަތު އިތުރުކުރުމަށް އެ ޤައުމުން ނިންމާފައިވާއިރު އެ ޤައުމުުން ފޯރުކޮށްދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ސަރުކާރުން ވަނީ މިއަހަރު ދައްކާފައެވެ. އަދި 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް 3 ބުރެއްގެ މަތިން ނެގި 150 މިލިޔަން ޑޮލަރުގެ ދަރަނިވެސް ސަރުކާރުން ވަނީ ދައްކައި ޚަލާސްކޮށްފައެވެ.
ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށް އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އެ ޤައުމުގެ ސަރުކާރުން ގެންގުޅޭ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތާއި ”މަހާސާގަރު“ ތަސައްވުރުގެ ދަށުން ރާއްޖެއަށް ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

