ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މައްސަލައިގައި އިހުސާން އާއި ޒަމްޒަމްގެ ބަހުގެ ހަމަލާތަކެއް!

ހޯމް މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އީގަލް ހިލްސްއިން ރަަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއަށް ދޫކުރަން ހަމަޖެހިފައިވާ ބިމުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އެ ކުންފުނިން ކަމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ނޫން ކަމަށް ޝައިހް ޒަމްޒަމް ފާރިޝް ވިދާޅުވުމުން، ހޯމް މިނިސްޓަރު އަލީ އިހުސާން އޭނާއަށް ރައްދު ދެއްވައިފިއެވެ.

ރަސްމާލޭގެ ”ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއު“އާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޒަމްޒަމް ފޭސްބުކްގައި ވިދާޅުވެފައިވަނީ، ރަސްމާލޭގެ މަޝްރޫއަކީ ރާއްޖޭގެ އިސްލާމީ ވަހުދަތަށް އޮތް ނުރައްކަލެއް ކަމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބަދަލުގައި އަލްއައްބާރުގެ ސެކިއުރިޓީއަށް މުޅި ރަސްމާލެ ދީފައި އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޒަމްޒަމްގެ އެ ޕޯސްޓަށް ފޭސްބުކްގައި ދެއްވި ދިގު ރައްދުގައި މިނިސްޓަރު އިހުސާން އެދިވަޑައިގަތީ، އެ ޕްރޮޖެކްޓާ ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ފިތުނަފަސާދަ އުފެދޭހެން ދޮގު ވާހަކަ ފަތުރަމުންދާއިރު، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށެވެ. އަދި މައުލޫމާތު ނެތް ނަމަ އެކަންކަން އެނގޭ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް އެދިވަޑައިގަތެވެ.

އެކަމާ ގުޅިގެން ޒަމްޒަމް މިނިސްޓަރު އިހުސާނަށް ގޮވާލެއްވީ އޭނާއަށް އިންޒާރު ނުދެއްވައި، އިލްމީ ގޮތުން ވާހަކަ ދެއްކެވުމަށެވެ. އަދި ސަރުކާރުގެ އިސް ފަރާތްތަކާއި މަޖިލީހުގެ މެމްބަރުންނާ ވެސް އެކަމުގައި ބައްދަލުކުރައްވައި ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އޭނާ އެ މައުލޫގައި ވާހަކަ ދައްކަވަނީ ނޭނގިގެން ނޫން ކަމަށް ޒަމްޒަމް ވިދާޅުވިއެވެ.

އޭނާ ދައްކަވަނީ ސިޔާސީ އަދި ހަރުކަށި ފިކުރުގެ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ ޒަމްޒަމް ސުވާލު އުފެއްދެވީ، އެވަރުގެ ބޮޑު އާބާދީއެއް އެއްފަހަރާ އުޅޭ، އެހާ ބޮޑު ބިމެއްގައި އަޅާނީ ފުލުހުންގެ އެންމެ މަރުކަޒެއް ކަމުގައި ކަމާ ބެހޭ ވަޒީރަކު އޭނާއާއި އިތުރު ދީނީ އިލްމުވެރިންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވާ ވިދާޅުވުމަކީ ކިހާ ވަރެއްގެ ޒިންމާދާކުރަކަން ކުޑަ ވާހަކައެއްކަން ވިސްނާ ނުލެވޭތޯއެވެ. 

ޒަމްޒަމް އިތުރަށް ވިދާޅުވި، އެތަނުގައި ދިވެހި ފުލުހުން ނުތިބޭނެ ކަަމަށާއި އެތަނުގައި ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީގެ ކަމުގައި ސަރުކާރުގެ ބައެއް ވަޒީރުން ބައްދަލުވުމެއްގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެތަނަށް ދިވެހި ފުލުހުންނަށް ވަދެވޭނީ ކުށެއް ރިޕޯޓުކުރުމުން ކަމަށާއި ދިވެހި ފުލުހުންނަށް ހަމައެކަނި ލިބޭނީ، އެތަނުގެ ސީސީޓީވީ ކެމެރާތަކުގެ އެކްސެސް ކަމަށް ވެސް ވިދާޅުވި ކަމަށެވެ.

”އަޅުގަނޑުމެން ގާތުގައި ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވެފައިވަނީ، އެތަނުގައި ދިވެހި ފުލުހުން ނުތިބޭނެ ކަމުގައެވެ. އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީގެ ކަމުގައެވެ. ދިވެހި ފުލުހުންނަށް ވަދެވޭނީ، ”ކްރައިމް“ އެއް ހިނގައިގެން ރިޕޯޓު ކުރީމަ ކަމުގައެވެ. ދިވެހި ފުލުހުންނަށް ހަމައެކަނި ލިބޭނީ، އެތަނުގެ ސީސީޓީވީ ކެމެރާތަނުގެ އެކްސެސް ކަމުގައެވެ. މި ވާހަކަތައް މިގޮތަށް ދެއްކި ކަމަށް އެ ބައްދަލުވުންތަކަށް އަޅުގަނޑާއެކު ދިޔަ އެހެން އިލްމުވެރިން ހެކިވާނެއެވެ،“

މުޅިން އެހެން ގައުމެއްގެ ރައްޔިތެއް ކަމުގައިވާ ބިދޭސީ ބިލިއަނަރެއްގެ އަތްމައްޗަށް، ދިވެހިރާއްޖޭގެ މެދުން ހުޅުމާލޭގެ ބިމަށް ވުރެ ބޮޑު ބިމެއް، އެއް ގަރުނަށް ދޫކޮށްލައި، އެތަނުގައި ސެކިއުރިޓީ ވެސް އޭނާ ބަލަހައްޓަން ޖެހޭ ގޮތަށް، ހަދިޔާކުރުމަކީ ކޮންފަދަ ބިރުވެރި ކަމެއްކަން ހިތަށްވެސް ނާރަނީތޯ ވެސް ޒަމްޒަމް ސުވާލު އުފެއްދެވިއެވެ.

”ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ވެސް ސެކިއުރިޓީ ބަލަހައްޓަނީ އެ ބަޔަކު އަމިއްލައަށް“

މަޝްރޫއު ހިންގާ ބިމުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ދެއްވި ރައްދުގައި އިހުސާން ވިދާޅުވެފައިވަނީ، ރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު އޮންނާނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ.

އިހުސާން ވިދާޅުވީ، އޭނާއަކީ ވެސް ރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލަން ހުވާކޮށްގެން ހުރި މީހެއް ކަމަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާ ވެސް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.

ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ރަށްތަކުގައި ވެސް ސެކިއުރިޓީ ބަލަހައްޓަނީ އެ ބަޔަކު އަމިއްލައަށް ކަމަށާއި ރަސްމާލެވެސް އެގޮތުން ތަފާތެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ ހުރިހާ ތަނެއްގައި ވެސް ފުލުހުން ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްރޮޖެކްޓުގެ ބާވަތުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރަންޖެހޭނީ އެތަނުގައި ގާއިމްވެގެން ތިބި ބައެއް ނަމަ އެކަން ކުރާނީ އެގޮތަށް ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: