މިދިޔަ އޮކްޓޯބަރު މަހާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 3.4 އިންސައްތަ ދަށްވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 79،529 ފަތުރުވެރިން އައިއިރު، މިދިޔަ އަހަރުގެ ހަމަ އެ މުއްދަތުގައި 82،770 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ 3.9 އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް ރާއްްޖެއަށް ޖުމްލަ 1،741،801 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1،682،550 ފަތުރުވެރިންނެވެ.
ފަތުރުވެރިން ތިބެން އެންމެ ގިނައިން ހިޔާރުކުރަނީ ރިސޯޓުތައް ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ރިސޯޓު ސްޓޭ ހިޔާރުކުރީ 1،219،734 ފަތުރުވެރިންނެވެ. އަދި ގެސްޓްހައުސްތައް ހިޔާރުކުރީ 360،016 ފަތުރުވެރިންނެވެ. މީގެ އިތުރުން، ހޮޓެލްތަކުގައި 37،514 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 31،509 ފަތުރުވެރިން މަޑުކޮށްފައިވެއެވެ.
ޓޮޕް މާކެޓުގެ ގޮތުގައި 317،524 ފަތުރުވެރިންނާއެކު ޗައިނާ ދެމިއޮތްއިރު، ދެވަނައިގައި 239،816 ފަތުރުވެރިންނާއެކު އޮތީ ރަޝިއާއެވެ. އަދި ތިންވަނައިގައި އޮތީ 125،051 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ.
ފަތުރުވެރިން އައި މިންވަރު ދަށްވި މައިގަނޑު ސަބަބެއް ކަމުގައި ފާހަގަކުރެވެނީ، މެދުއިރުމަތީގައި މިދިޔަ ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައެވެ. އެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ބައެއް ފްލައިޓުތައް ކެންސަލްވެ، ފަތުރުވެރިން އަންނަ ނިސްބަތް 3.5 އިންސައްތަ ދަށުގައި ހިފެހެއްޓިފައިވެއެވެ. އެ ދަށްވުމުގެ އަސަރު ދައުލަތުގެ އާމްދަނީއަށް ވެސް ކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 126 މިލިއަން ރުފިޔާ މަދުވެފައިވާކަން ފާހަގަކުރެވެއެވެ.
މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މި އަހަރު ނިމޭއިރު ވެސް އެ އަދަދާ އެއް ހަމައަކަށް ވާސިލުވެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

